މާލެ: 31°C

ފާސްވާ ކުދިންގެ އަދަދު ދަށްވީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހިސާބުހަދަން ފެށުމުން: މިނިސްޓަރު

ފާސްވާ ކުދިންގެ އަދަދު ދަށްވީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހިސާބުހަދަން ފެށުމުން: މިނިސްޓަރު
May 30, 2023
2 ފަހަރު ބަލާފައި
ފާސްވާ ކުދިންގެ އަދަދު ދަށްވީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހިސާބުހަދަން ފެށުމުން: މިނިސްޓަރު
އޯލެވެލް ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ކުރިން ބޭނުންކުރި "އޮފްރޯލް" އުސޫލު މިހާރު ބޭނުންނުކުރާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އާޒިމް އެއްސެވީ ނިމިގެން ދިޔަ އަހަރު އޯ ލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްނުވާ ދަރިވަރުންގެ އަދަދު 50 ޕަސެންޓްގައި އުޅޭ ކަމަށް ވާހަކަދެކެވޭ ކަމަށާއި އެހެންކަމުން އެކަން ސާފުކޮށް ދެއްވުމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވަނީ އިމްތިހާންތަކުގެ ނަތީޖާތަކުގެ ތަފާސް ހިސާބުތައް ހަދަމުންދާ ގޮތް ކިޔާދެއްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރުގެ ކުރިން ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ބަލަމުން ދިޔައީ ދަސްވާރަކީ ތިން މާއްދާގެ ގޮތުގައި އަދި ބީޓެކްއަކީ ހަތަރު މާއްދާގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކުރިން ފެންނަމުން ދިޔައީ ފަސް މާއްދާއިން ފާސްވާ ކުދިންގެ ހަގީގީ ނިސްބަތެއް ނޫން ކަމަށް ވިދާޅުވިއެވެ. "ފަސް މާއްދާއިން ފާސްވާ ކުދިން ކަލްކިއުލޭޓްކުރަން އޮފްރޯލް (ބައެއް ދަރިވަރުން ބާކީކުރުން) އެމީހުން ކުރަނީ. އެއީ ފާސްނުވާނެހެން ހީވާ ކުދިން ބާކީކޮށްފައި ފާސްވާނެ ކުދިން ކަލްކިއުލޭޝަނަށްލާފައި އެ މީހުން ސްޓެޓިސްޓިކްސް ކަލްކިއުލޭޓްކޮށްފައި ހުންނަނީ. އެހެންވީމަ ތަންކޮޅެއް ބޮޑުކޮށް ކުރިން ޕަސެންޓޭޖުތައް ފެންނަމުން ދިޔައީ" މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ކުރީގެ އުސޫލު މި ސަރުކާރުން އުވާލި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ 2019 އަހަރު ފަހުކޮޅުން ފެށިގެން ހުރިހާ ކުދިންވެސް ފަސް މާއްދާ ހަދަން މަޖުބޫރު ކުރަން ފެށި ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބުގެ އިތުރުން ސްޓްރީމް މާއްދާއިން އެއް މާއްދާ މިހާރު މަޖުބޫރުވާނެ ކަމަށެވެ. "(މާއްދާއެއް ނުހަދަން) ޑްރޮޕް ކުރުމުގެ ފުރުސަތު ދެނީ ވަރަށްވެސް ސިވިއާ ކޭސްއެއް ހުންނަ ކުއްޖަކަށް، އަޅުގަނޑުވެސް ބެލުމަށްފަހު،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފަސް މާއްދާ ކަލްކިއުލޭޓް ކުރާ އިރު ފާސްވާ ކުދިންގެ އަދަދު ދަށްކަން ފާހަގަކުރޭވޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ