މާލެ: 31°C
ފާރެއް ދަށުވެ 3 މީހަކަށް އަނިޔާވެއްޖެ

ފާރެއް ދަށުވެ 3 މީހަކަށް އަނިޔާވެއްޖެ

July 12, 2023
2 ފަހަރު ބަލާފައި
ފާރެއް ދަށުވެ 3 މީހަކަށް އަނިޔާވެއްޖެ
ނ. ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތިން މުވައްޒަފުންނަށް އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5:30 ހާއިރެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުން އެ ސަރަހައްދު އޮތީ މަގު ހެދުމަށްޓަކައި ވަރަށް ބޮޑަށް ކޮނެފައެވެ. އަދި އެ ތިން މީހުން ވެސް ފާރު ކައިރީގައި މަސައްކަތެއް ކުރަން ތިބި ތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ. ތިން މީހުން ފާރާ ވަރަށް ކައިރީގައި ތިބި އިރު، ދެ މީހަކު ހުރީ ކޮޅަށެވެ. އަދި ތިން ވަނަ މީހާ އިނީ އިށީނދެގެންނެވެ. ވީޑިއޯ އިން ފެނިގެންދަނީ ކުއްލިއަކަށް ތިން މީހުންގެ ގަޔަށް ފާރު ވެއްޓޭ މަންޒަތެވެ. އަދި އިށީނދެގެން އިން މީހާ ތެދުވާން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް ތެދުވެވޭ ގޮތެއް ނުވިއެވެ. [embed]https://twitter.com/AbdullaTholhath/status/1678819870836940801?s=20[/embed] ތިން މީހުންގެ ގައި މައްޗަށް ބޮޑު ފާރު ވެއްޓި ތާށިވުމުން، އެވަގުތު އެ ސަރަހައްދާ ވަރަށް ކައިރީގައި ތިބި އާރުޑީސީގެ އެހެން މުވައްޒަފުންތަކެއް އައިސް ފާރު ނަގަން މަސައްކަތް ކުރާތަން އެ ވީޑިއޯގައި ފެނިގެންދެއެވެ. ނ. ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދު "މިނިވަން" އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން 2 މީހުންނަށް ރ. އުނގޫފާރު ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަކުގެ ހާލު ސީރިއަސްވެ، އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޟްވާން ވިދާޅުވީ ހާލު ސީރިއަސްވި މިހާގެ ޅިނދު ކަށިގަނޑު ހަތަރު ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށާއި، އުނގޫފާރު ހޮސްޕިޓަލުން އެ ސަރޖަރީ ކުރެވެން ނެތުމުން މާލެ ގެންދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. "ޅިނދު ކަށިގަނޑުގެ ހަތަރު ތަނަކުން ކްރެކް ވެފަ އިނީ، އުނގޫފާރުގައި ނެތް ސާޖަރީއެއް ކުރެވޭކަށް، އެހެންވެ ކޮންމެ ގޮތެއް ވިޔަސް ސާޖަރީ އަކަށް ދާންޖެހޭ." ރިޟްވާން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ