މާލެ: 31°C
އޭދަފުށްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ފަޅުރަށެއް ހަމަޖައްސައިފި

އޭދަފުށްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ފަޅުރަށެއް ހަމަޖައްސައިފި

March 4, 2024
3 ފަހަރު ބަލާފައި
އޭދަފުށްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ފަޅުރަށެއް ހަމަޖައްސައިފި
އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، އެހެންކަމުން ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުންކަމުގައި ފާހަގަކުރައްވައި، އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢިޢުލާންކުރައްވައިފިއެވެ. އަދި މި ހަފުތާތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ މިރޭ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭދަފުށީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހައްދަވާނެކަމަށެވެ. މީގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެހެންކަމުން އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭދަފުއްޓަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފަސްވަނަ މަންޒިލެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ