ސިޔާސީ މައިދާނުގައި ދޮގު މައުލޫމާތު ފެތުރުން އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ދުނިޔޭގައި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުންތަކަކީ ޤައުމީ އިންތައް ފަހަނައަޅައި، ބަވަނަ ވެފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިލާމެހިފައިވާ މައްސަލަތަކެއް ކަމަށާއި މިފަދަ ޙާލަތެއްގައި އެއްވެސް ޤައުމަކުން އެކަހެރި ސިޔާސަތުތަކެއް ގެންގުޅެގެން ކުރިއަރައި ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ކޮންފަރެންސްގައި އެމަނިކުފާނު ދެއްވި ތަޤްރީރް ގައެވެ. އެ ތަގްރީޫރުގައި އިތުރަށް މަޖިލީހުގެ ނައިބް ރައީސް ނާޒިމް ވިދާޅުވީ ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންކަން ކަމަށާއި، އެ ކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
އެގޮތުން ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފަރަގުތަކާއި، ސަލާމަތީ ނުރައްކާތަކާއި، ނިރުބަވެރިކަމާއި ދޮގު މަޢުލޫމާތު ފެތުރުމާއި އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ހެޔޮ ވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފަދަ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި މަޖިލީހުގެ ނައިބްރައީސް ނާޒިމް ވިދާޅުވީ
ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެށްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެގޮތުން އެ ކަންކަން ދެމެހެއްޓުމަށް މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ.
އޭގެ އިތުރުން، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރެއްވި އެވެ.
އަދި ކޮންފަރެންސްގެ ބޭނުންހިފައި، ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމަށް އަތުގުޅާލުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.







