މާލެ: 31°C
އެންމެންގެ "ހީރޯ" މޯތާޒް އަޒައިޒާ، ޣައްޒާއިން ނުކުމެއްޖެ

އެންމެންގެ "ހީރޯ" މޯތާޒް އަޒައިޒާ، ޣައްޒާއިން ނުކުމެއްޖެ

January 24, 2024
4 ފަހަރު ބަލާފައި
އެންމެންގެ "ހީރޯ" މޯތާޒް އަޒައިޒާ، ޣައްޒާއިން ނުކުމެއްޖެ
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ހާލަތު ހުއްޓުމެއްނެތި މުޅި ދުނިޔެއަށް ގެނެސްދެމުން ގެންދާ ފޮޓޯ ޖާނަލިސްޓް މޫތާޒް އަޒައިޒާ ޣައްޒާއިން އިއްޔެ ނުކުމެއްޖެއެވެ. މޫތާޒް، ޣައްޒާ ދޫކޮށް ގަތަރަށް ދާން އުޅޭކަން އިއުލާންކުރީ މިސްރުގެ އެލް އާރިޝް އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރުގެ އަސްކަރީ މަތިންދާބޯޓަކަށް އެރުމުގެ ކުރިން އޭނާގެ ސޯޝަލް މީޑިއާއަށް ދޫކޮށްލި އިހުސާސުން ފުރިގެންވާ ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި އޭނާ ބުނީ މިއީ އެ ބަރު، ނުބައި ވަސްދުވާ [ޕްރެސް] ވެސްޓް ލައިގެން އޭނާ ފެނިގެންދާނެ އެންމެ ފަހު ފަހަރު ކަމަށާއި އޭނާ އެތަން ދޫކޮށް ދާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އުއްމީދަކީ ވަރަށް އަވަހަށް އަނެއްކާވެސް އަނބުރި ޣައްޒާއަށް އައިސް އެ ސިޓީ ކުރިން ހުރިގޮތަށް ބިނާކުރުމަށް އެހީތެރިވުން ކަމަށް ވެސް މޯތާޒް ބުނެފައިވެއެވެ. "މިތަން ދޫކޮށް މިދާން ޖެހެނީ ވަރަށް ގިނަ ސަބަބުތަކަކާއެކު، ބައެއް ސަބަބުތަކަކީ އެންމެނަށް އެނގޭ ކަންކަން ނަމަވެސް އަނެއް ކަންކަމެއް ނޭނގޭނެ" އޭނާ ކުރި ފޯސްޓުގައި ބުނެފައިވެއެވެ. އޭނާ ޣައްޒާ ދޫކޮށް ދާން ނިންމާފައިމިވަނީ އެތަށް ފަހަރެއް މަތިން އިޒްރޭލުގެ އެކި ނަންބަރު ތަކުންނާއި ތަފާތު ގޮތް ގޮތުން އޭނާ އެތަނުން ނުކުތުމަށް އިންޒާރު ދެމުން ދަނިކޮށެވެ. https://twitter.com/azaizamotaz9/status/1749660631731716423 އޭނާ ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ދަތުރުކުރީ "ގަތަރު އެމިރީ އެއާފޯސް" ލިޔެފައިވާ އަޅި ކުލައިގެ މަތިންދާ ބޯޓެއްގައެވެ. އަދި 108 ދުވަސް ގައުމަށް ހިދުމަތްކޮށްދެއްވުމަށްފަހު ޣައްޒާއިން ބޭރުވެ، އޭނާ ހިއްސާކުރި ފުރަތަމަ ވީޑިއޯގައި ބުނީ "މިއީ މަތިންދާބޯޓެއްގައި ދަތުރުކުރި ފުރަތަމަ ފަހަރު" ކަމަށެވެ. އުމުރުން 24 އަހަރުގެ ފަލަސްތީނުގެ މި ޒުވާން ނޫސްވެރިޔާ ވެގެންދިޔައީ އޭނާގެ އިންސްޓަގްރާމްގެ 18 މިލިއަން ފޮލޯވަރުންނަށް ގަވާއިދުން އިނގިރޭސި ބަހުން ހަބަރު އަޕްޑޭޓްތައް ފޯރުކޮށްދީ، އެ ސަރަހައްދަށް ކުރިމަތިވި ގެއްލުންތައް ދައްކުވައިދޭ އަޑަކަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބިގެންދިޔަ މޯތާޒްގެ މީގެ ކުރިން އިންސްޓަގްރާމްގައި ފޮލޯވަރުންގެ އަދަދަކީ އެންމެ 25،000 އެވެ. އޭރު އޭނާ ގެނެސްދެމުންއައީ ފަލަސްތިނުގައި އޭނާގެ އާންމު ދިރިއުޅުން ޑޮކިއުމެންޓްކޮށްފައެވެ. ނަމަވެސް މި ހަނގުރާމަތައް ފެށުމާއެކު އޭނާގެ މުޅި ކޮންޓެންޓް ބަދަލުވެ، އޭނާ ދައްކުވައިދިނީ ޕްރެސް ވެސްޓަކާއި ހެލްމެޓެއް އަޅައިގެންހުރެ، ޣައްޒާގައި ޝަހީދުކޮށްލި މީހުންނާއި އަނިޔާވި މީހުންގެ އިތުރުން މިކަމުން އާންްމުންގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ތަކަކާއި ޕޮޓޯތަކެކެވެ. މި ހަނގުރާމަތައް ފެށިތާ މިއަދާ ހަމައަށް 109 ދުވަސްވެފައިވާއިރު، މި ހަނގުރާމައިގެ ތެރޭގައި އޭނާގެ ގާތް ރަހްމަތްތެރިންނާއި އާއިލާގެ ބައެއް މެންބަރުންވެސް ޝަހީދުކޮށްލާފައިވެއެވެ. އެގޮތުން، ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 25،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ