އެމްޑީޕީން ވަކިވެ ނަޝީދަށް ތާއިދުކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝިދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ޔާމީން އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރުން ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާންވީ، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝިދު އެހެން ވިދާޅުވުމުން ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވި އެވެ. އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް، ޖަލްސާއަށަ ފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އަމިއްލަފުޅު ހިޔާލު ކަމަށާއި އެ ޕާޓީއަށް އަދި ކެންޑިޑޭޓަކު ވެސް ދެއްކިފައި ނެތް ކަމަށެވެ."ރައީސް ނަޝީދު އެ ވިދާޅުވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު. މި އިންތިހާބުގައި ރައީސް ނަޝީދު އަދި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި. އަދި އެ ބޭފުޅުން ކެންޑިޑޭޓެއް ވެސް ނުދައްކަވާ. ޕީޕީއެމް/ޕީީއެންސީ އިން މާކުރިން ވާނީ ރައީސް ޔާމީން ކެންޑިޑޭޓެއްގެ ގޮތުގައި ނިންމާ ކެމްޕޭނު ވެސް ފަށާފައި،" ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
[embed]https://twitter.com/Shiyamaldives/status/1676689701783359488[/embed] ޝިޔާމުގެ އިތުރުން ރޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން މި އަހަރުގެ ރިޔާސީ އިންތިހުބުގައި ވާދަ ކުރައްވާނެ ކަމަށެވެ."ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން. އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ،" އަދުރޭ ޓްވީޓްކުރައްވާފައިވެއެވެ.
[embed]https://twitter.com/Banafsaa/status/1676654882760310784[/embed] ޕީޕީއެމް/ޕީއެންސީއިން ރައީސް ނަޝީދަށް ރައްދުދީފައި ވާއިރު، ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ދާދި ފަހުން މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.






