މާލެ: 31°C
އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން: ރައީސުލްޖުމްހޫރިއްޔާ

އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން: ރައީސުލްޖުމްހޫރިއްޔާ

March 3, 2024
2 ފަހަރު ބަލާފައި
އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން: ރައީސުލްޖުމްހޫރިއްޔާ
އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަޤީންވެގެންދާންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ  މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރ އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވުމަށް ބޭނުންފުޅުވާކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ އަމާޒަކީ، ރައްޔިތުންނަށް ލިބޭ އާމްދަނީގެ ގޮތުންނާއި، ފުދުންތެރިކަމުގެ ގޮތުންނާއި، ގެދޮރުވެރިކަން ހާސިލްވެގެން ދިއުމުންނާއި، އިޖުތިމާޢީ ގޮތުން އެ ލިބޭ ހިތްހަމަޖެހުމުން ލިބުމުންނާއި، އަދި ދަރިންގެ ކަންކަން ހާސިލުވުމުން އެ ލިބޭ އުފާވެރިކަމުންނާއި، އަދި ދިވެހިރާއްޖެ އޮތީ ސަލާމަތްތެރިކަމާއެކީ މިނިވަންކަންމަތީ އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަޤީންވެގެން އެ ލިބޭ އިހުސާސުގެ މުއްސަނދިކަން އެންމެނަށް ލިބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިޤްތިޞާދީ ތަރައްޤީ ހާސިލްކުރުމަށްޓަކައި މުޅި ސަރުކާރުން މަސައްކަތް ކުރާކަމުގައި ފާހަގަކުރަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކޮންމެ ކައުންސިލަކަށްވެސް ފަޅުރަށެއް ނެގޭނެކަމުގައެވެ. އަދި އެ ފަޅުރަށަކީ ކޮންމެހެން ރަށާ އެންމެ ކައިރީގައި އޮންނަ ރަށަށް ވާން ނުޖެހޭކަމަށާއި، އެހެން ސަރަހައްދަކުންވެސް ބޭނުން ހިފިދާނެ ރަށެއް އޮތިއްޔާ އެ ރަށެއް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކައުންސިލްތަކަށް މި ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ބިން ހިއްކުމާއި، ހޮސްޕިޓަލް ޤާއިމުކުރުމާއި، ރައްޔިތުން ބޭނުންވާ ބޮޑު މިނުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް މީދޫގެ ރައްޔިތުންނަށް ގިނަ ކަންކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ