މާލެ: 31°C
އެމީހެއްގެ ހަށިގަނޑުގައި ވަރުހުރި ހިނދަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ: ހުތުބާ

އެމީހެއްގެ ހަށިގަނޑުގައި ވަރުހުރި ހިނދަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ: ހުތުބާ

April 26, 2024
3 ފަހަރު ބަލާފައި
އެމީހެއްގެ ހަށިގަނޑުގައި ވަރުހުރި ހިނދަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ: ހުތުބާ
އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށް ކަމަށާއި ކުރާނެ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ ކަމަށް ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ފަރުޟު ޒަކާތާއި އިގްތިސާދާހުރި ގުޅުން" މި މައުޟޫގެ މައްޗަށެވެ. އެގޮތުން ހުތުބާގައި ބުނީ ތަނަވަސްކަމުގެ އަހުލުވެރިންނާއި، ގައިބާރުހުރެ މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިހްސާންތެރިކަމެއް ނޫން ކަމަށާއި އެއީ މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ހައްގުވެރިންނަށް އަދާކުރަންޖެހޭ ހައްގެއް ކަމަށް ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. "އޭގެ ސަބަބުން ކަލޭގެފާނު އެއުރުން ތާހިރު ކުރައްވާށޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ސަދަގާތެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ." ހުތުބާގައި ބުނީ އިސްލާމްދީނުގައި ޒަކާތް ފުރުޟުކުރެއްވީ، ހަމައެކަނި ފަގީރު މީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގްސަދެއްގައި ނޫން ކަމަށެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތަށް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި އިރުޝާދުދެއްވާފައިވެއެވެ. "މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށްވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑައެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިތުރުޒަކާތް ދެއްކުމުން ފުދުނީއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ހަމައެހެންމެ، މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅެއެވެ." ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން، ހުތުބާގައި ވަނީ ޒަކާތްނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ