މާލެ: 31°C

އެންމެ ބިރުހީވަނީ ނަޝީދު ޔާމީނާ އެކު ކޯލިޝަން ހައްދަވައިފާނެތީ: މާރިޔާ

January 21, 2023
2 ފަހަރު ބަލާފައި
އެންމެ ބިރުހީވަނީ ނަޝީދު ޔާމީނާ އެކު ކޯލިޝަން ހައްދަވައިފާނެތީ: މާރިޔާ
އެންމެ ބިރުހީވަނީ ނަޝީދު ޔާމީނާ އެކު ކޯލިޝަން ހައްދަވައިފާނެތީ: މާރިޔާ
ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ޓަކައި ކުރީގެ ރައީސް ޔާމީނާ އެކު ކޯލިޝަނެއް ހައްދަވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭންކުރަން މާލޭގައި ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ޔާމީނާ އެކު ނަޝީދު ކޯލިޝަން ހައްދަވައިފާނެ ކަމުގެ ބިރު ހީވަނީ ނަޝީދު ޔާމީނަށް ތައުރީފުކުރައްވާތީ އެވެ. އެމަނިކުފާނުގެ ކެމްޕޭނުގައި ރަށްރަށަށް ވަޑައިގެންނެވުމުން ޕީޕީއެމްގެ ހަރަކާތްތެރިން އެމަނިކުފާނަށް މަރުހަބާ ކިޔާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށާއި އެއީ ވެސް ބިރުހީވާ ސަބަބެއް ކަަމަށް އޭނާ ވިދާޅުވި އެވެ. "އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމާ އެކު މިއަދު ހަމަ ގައިމުވެސް އަޅުގަނޑަށް އެންމެ ބިރުހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައީސް ޔާމީނާ އެކީގައި ކޯލިޝަނެއް ހައްދަވައިފާނެތީ،" މާރިޔާ ވިިދާޅުވި އެވެ. ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެއް ކަަމަށް ނަޝީދު ވިދާޅުވެފައި ވާތީ ޔާމީނުގެ ވެރިކަމުގައި ކަންތައްތައް ކުރެއްވި ގޮތުގެ ހަނދާން މާރިޔާ އާކުރެއްވި އެވެ. ޔާމީނާ ހިޔާލުތަފާތުވާ ބޭފުޅުންނާ ދެކޮޅަށް އެމަނިކުފާނު ކުރެއްވި ކަންއްތަކުގެ ލިސްޓް މާރިޔާ ފެށްޓެނީ ނަޝީދަށް ކުރި ޖަލު ހުކުމާ ހިސާބުންނެވެ. ޔާމީނުގެ ސިޔާސީ ވާދަވެރިންގެ އިތުރުން އެމަނިކުފާނާ އެކު ކޯލިޝަން ހެދި ސިޔާސީ ފަރާތްތައް ވެސް ހައްޔަރުކުރެއްވި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. "އެންމެ ބުރަކޮށް ، ރައީސް ޔާމީނު ވެރިކަމަށް ގެންނެވުމަށް ޓަކައި މަސައްކަތްޕުޅުކުރެއްވި ރައީސް މައުމޫނު 80 އަހަރަށް ވުރެ މައްޗަށް ގޮސްފައި ހުއްޓައި ޖަލަށް ލެެއްވި،" މާރިޔާ ވިދާޅުވި އެވެ. މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ގާސިމާއި އެނޫން ވެސް އެތައް ބޭފުޅުންނެއް ޔާމީނުގެ ވެރިކަމުގައި ޖަލަށް ލި އެވެ. މާރިޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ އިތުރުން އެއާ ޖެހުނު ބަރީގައި ތިއްބެވި ބޭފުޅުން ވެސް ޔާމީނު ޖަލަށް ލެއްވި އެވެ. ޔާމީނުގެ ވެރިކަމުގައި ކުރެއްވި އެފަދަ ގިނަ ކަންތައްތަކެއްގެ ހަނދާން އާކުރެއްވުމަށް ފަހު މާރިޔާ ވިދާޅުވީ ނަޝީދު މިއަދު ނުކުމެ ވަޑައިގެން "ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމާ" ހިތަށް އުނދަގުވާ ކަމަށެވެ، "އަޅުގަނޑުމެންގެ ޕާޓީގެ އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނުކުމެވަޑައިގެން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމާ އަޅުގަނޑުމެންގެ ހިތަށް އުނދަގޫވޭ،" މާރިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަޒުބާތުގައި ޖެހިވަޑައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ނަމަވެސް ނަޝީދު "އެ މޮޔަ ކަންތައް ކުރައްވާ ނަމަ" އެކަން ހުއްޓުުވަން ޖެހޭ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ