2024 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޓެކްސީ ޑަރައިވަރުން ހުޅުމާލޭގައި ބޭއްވުމަށް އިންތިޒާމްކުރި ސްލްހަވެރި މުޒާހަރާއަށް ފުލުހުން ހުރަސްއެޅި މައްސަލާގައްޔާއި ޑްރައިވަރުންގެ އިހްތިޖާޖުގެ ތެރެއިން ޓޯކުރި ޓެކްސީތައް ދޫކޮށްލައި ބަދަލު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުދާއިރާގެ މެމްބަރ މީކާއިލް އަހްމަދު ނަސީމް މިއަދުވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
މެމްބަރު މީކާއިލް މިއަދު ހުށަހެޅި މައްސަލަ މިހާރުވަނީ މަޖީހުގެ އިއްތިފާގުން ބަލައިގަނެ އެ މައްސަލައަށް ބަހުސްކުރަން ފަށާފައެވެ. ކުއްލި މައްސަލައިގައި މެމްބަރު މީކާއިލް ބުނެފައި ވަނީ ޓެކްސީ ޑްރައިވަރުން އެ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ގެންލުންވާފަދަ އަމަލެއް ހިންގާފައި ނުވާ ކަމަށާއި، ނަމަވެސް އެ އިހުތިޖާޖަށް ޓެކްސީ ޑްރައިވަރުންނަށް ފުލުހުން ހުރަސް އަޅައި އެ މީހުންގެ ޓެކްސީތަކަށް ގެއްލުންވާ ގޮތަށް ފުލުހުން އަމަލު ބަހައްޓާފައިވަނީ ކަނޑައެޅިގެން ރައްޔިތުންގެ އަޑު ކަނޑުވައިލުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެ އެވެ.
ފުލުހުން އެގޮތަށް އަމަލު ކުރި ނަމަވެސް ގާނޫނުއަސާސީގައިި ބަޔާންވެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް ކަން ބަޔާންކޮށް އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވާލައި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ފަށުން ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
އަދި ޓެކްސީ މުޒާހަރާގެ ތެރެއިން ޓޯކުރި ޓެކްސީތައް މިހާރުން މިހާރަށް ދޫކޮށްލައި ޓެކްސީތަކަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ސަރުކާރުން ދެއްވުމަށް މީކާއިލްގެ ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.







