ރައީސް ޑރ.މުއިއްޒުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ޑޮލަރު ރޭޓު ހަމައަކަށް އެޅެން ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއޮތް އިގްތިސާދީ ނުރައްކާތެރި ހާލަތު މިހާރު ބަދަލުވަމުންދާކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު ބާރަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ސީދާ އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އުމްރާގެ މޫސުމާއި ރޯދަ މަހާ އެކު އިމްޕޯޓަށް ވެސް ވަރަށް ބާރު ބޮޑުވާ ދުވަސްވަރެއްގައި، ފޮރިން ކަރަންސީއަށް އޮންނަ ޑިމާންޑު އިތުރުވެފައިވިޔަސް، ޑޮލަރު ރޭޓު މި ވަނީ ހިފެހެއްޓިފައި ނޫނީ ކުރިއަށް ވުރެ ވެސް ދަށްވެފައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފައިސާ ޗާޕުކުރުން ހުއްޓައިލުން ފަދަ ދުރުވިސްނޭ، ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދުނު ކާމިޔާބީ އެއް ކަމަށެވެ.
"އަދި ކުރިއަށް އަޅުގަޑުމެންގެ ރޭވިފައި ހުރި ވަރަށް ޓާގެޓަޑް މަސައްކަތްތަކެއް، މެޝާސްތަކެއް އަޅުގަނޑުމެން އިމްޕްލިމަންޓް ކުރަމުން ގެންދާނަން. އެއާ އެކު ކުރިއަށް އޮތް ތަނުގައި ޑޮލަރު ރޭޓު އިތުރަށް ރަނގަޅު ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުންދާ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އަނެއް ބަޔަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުން ކަމަށެވެ.