މާލެ: 31°C

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
June 8, 2023
2 ފަހަރު ބަލާފައި
ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސަން އައިލެންޑް ރިސޯޓުން ހުޅުމާލެއަށް ދަތުރުކުރި "ސީއެމްއެފް-2" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން އެ ދޯންޏަށް އެހީވެ، އަލިފާން ނިއްވާލި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ ރޭ ދަންވަރު 3:51 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން 3:55 ހާއިރު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކްގައި އަލިފާން ރޯވީ ހުޅުމާލޭ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގުން އެ ދޯނި ހުޅުމާލޭ ބަނދަރަށް ވަންނަނިކޮށެވެ. ހާދިސާ ހިނގުމުން އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު ދޯނި އެދިމާލު ބަނދަރަށް ގާތްކުރުމުން އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާލާފަ އެވެ.

އެއީ ސަން އައިލެންޑް ރިޒޯޓުން ކުނި ބަރުކޮށްގެން އައި ދޯންޏެކެވެ.

ހާދިސާގައި ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން އެ ދޯނީގައި ހުރި ބާ ދަނގަޑާއި ޓައިރާއި ލަކުޑިފަދަ ތަކެތީގައިވެސް ވަނީ ރޯވެފަ އެވެ. އަލިފާން ނިއްވާލާފައިވަނީ ފަތިހު 4:48 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ