މާލެ: 31°C

ދިވެހިންގެ ނަންމަތީ ބިދޭސީން ކުރާވިޔަފާރިތައް ހުއްޓުވަން ގަވާއިދެއް އެކުލަވާލައިފި

ދިވެހިންގެ ނަންމަތީ ބިދޭސީން ކުރާވިޔަފާރިތައް ހުއްޓުވަން ގަވާއިދެއް އެކުލަވާލައިފި
May 23, 2023
2 ފަހަރު ބަލާފައި
ދިވެހިންގެ ނަންމަތީ ބިދޭސީން ކުރާވިޔަފާރިތައް ހުއްޓުވަން ގަވާއިދެއް އެކުލަވާލައިފި
ދިވެހިންގެ ނަންމަތީ ބިދޭސީން ކުރާ ވިޔަފާރިތަށް ހުއްޓުވުމަށް އާންމު ފަރުދުންގެ ވިޔަފާރީގެ ގަވާއިދުގައި އަދަބުތަކެއް ހިމަނައި ގަވާއިދެއް އެކުލަވާލައިފިއެެވެ. މި އެކުލަވާލެވިފައިވާ ގަވާއިދުގައި ބުނެފައިވަނީ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު"ގެ ދަށުން ސީދާ ގޮތުން އަދި ނުސީދާގޮތުންވެސް ބިދޭސީއަކަށް މަންފާ ލިބޭގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުމަކީ މަނާ ކަމެއްކަމަށެވެ. އެގޮތުން އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ޓަކައި ހިންގާ ވިޔަފާރިއެއްކަމަށް ކަނޑައަޅައ،ި ފިޔަވަޅު އެޅުމަށް ރެޖިސްޓްރާއަށް ބާރު ދީފައިވާ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ. މިގޮތުން ބިދޭސީއަކަށް ވިޔަފާރީގެ މަންފާކުރާކަން ކަނޑައެޅުމުގެ ބާރު ސީދާ ރެޖިސްޓްރާއަށް ދިނުމަށް މި ގަވާއިދުގައި ހިމަނާފައިވެއެވެ. މިފަދަ ހާލަތެއްގައި އަޅާނެ ހަތަރު ފިޔަވަޅެއް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ބިދޭސީ ފަރާތާމެދު ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތަށް ރިޕޯޓް ކުރާނެ ކަމަށް ބުނެފައިވާއިރު، ވިިޔަފާރީގެ މަސްއޫލުވެރި ފަރާތް، 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތެއް ކަމުގައި ކަނޑައަޅާނެ ކަމަށް ބުނެފައިވާއިރު، ވިޔަފާރި ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ބިދޭސީއަކު އޭނާގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ އިރު އަދި ބިދޭސީން ބޭރަށް ފޮނުވާ ފައިސާއަކީ ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ އަދަދާއި ނުބައްދަލު އަދަދެއް ނަމަ، ލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެކަން އެނގުމަކީ މަނީ ލޯނޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޤާނޫނުގެ ދަށުން ބޭންކުތަކުގެ ޒިންމާއެއް ކަމުގައި މި ގަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ.

މި ގަވާއިދުގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އޮންލައިންކޮށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ދަތިވާ މީހެއްނަމަ އެ މީހެއްގެ ފޯމު ފުރިހަމަކުރަންވާނ،ީ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށްކަމަށްވެސް ޤަވާއިދުގައިވެއެވެ. އަދި އެފަދަ ހިދުމަތެއް ފޯރުކޯށްދޭނެމަ ޢާންމުކޮށް އިޢުލާންކުރުމަށްފަހު، 100 ރުފިޔާއަށް ވުރެ ބޮޑު ނޫން ފީއެއް ނެގޭނެކަމަށް ބުނެފައިވެއެވެ، މީގެ އިތުރުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަމެއް، 14 ދުވަހުގެ މުއްދަތައް ރިޒަރވްކޮށްފައިވާ ބެހެއްޓުމުގެ ފުރުސަތުވެސް  އިކޮނޮމިކް ނިސްޓްރީއަށް މި ގަވާއިދުގެ ދަށުން ލިބިދެއެވެ.

މި ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޖެހުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އަދި މިގަވާއިދަށް ވިޔަފާރިތައް ހޭލުންތެރިކޮށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ