މާލެ: 31°C

ދިވެހިން ތިބީ ޑިމޮކްރެސީގެ ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައި: ރައީސް

January 1, 2023
2 ފަހަރު ބަލާފައި
ދިވެހިން ތިބީ ޑިމޮކްރެސީގެ ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައި: ރައީސް
ދިވެހިން ތިބީ ޑިމޮކްރެސީގެ ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައި: ރައީސް
މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި، އިންސާނީ ޙައްޤުތައް ކުރިއަރުވައި، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނުކަމަށާއި، ރަނގަޅު ނަތީޖާއެއް ވެސް ޙާޞިލުކުރެވުނު ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމައެފަދައިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ މިހާރު އަންނަނީ ލިބެމުންނެވެ. މީގެ އިތުރުން ވެސް ކޯވިޑް-19ގެ ދަތިތަކުން އަރައިގަނެ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު ތައްޔާރުވާންވީ، ކޯވިޑްގެ ކުރިން އޮތް އިޤްތިޞާދީ ޙާލަތަށް ވުރެ ވެސް މާ ރަނގަޅު ޙާލަތަކަށް ރާއްޖޭގެ އިޤްތިޞާދު ގެންދިއުމަށްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ކުރަންޖެހިފައިވާ ކަމެއްކަމަށާއި، ޤައުމީ ތަރައްޤީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޔާންކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މިއަދު މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ޙަޔާތުގައިވެސް މުހިންމު ޙަރަކާތްތަކަކަށް އަލިވިލުނު އަހަރެއްކަމުގައި ސިފަކުރައްވާފައެވެ. އަދި، މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައިކަމަށާއި، ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ޙަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެެވެ. ހަމައެފަދައިން ޤައުމުގެ ސިޔާސީ އަދި އިޖްތިމާޢީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުންކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ