ރާއްޖޭގެ އަންހެނަކުގެ 3 ފިރިން ތިބޭ ކަމަށް ބުނާ މައްސަލައެއް ފާހަގަވެފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.
އާއިލާއާ ބެހޭ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާ ގުޅިގެން ފެމެލީ ކޯޓު ހިމެނޭހެން ގިނަ އިދާރާތަކެއް ހާޒިރުކޮށް ބައްދަލުވުމެއް ކުރިއަށް އެބަދެ އެވެ.
އެ ކޮމިޓީގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ އެ އަންހެން މީހާ 3 ކައިވެނިވެސް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށެވެ.
އެއް އަންހެނަކު 3 ފިރިން ތިބި މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް މައުސޫމް ވިދާޅުވި އެވެ.
ރާއްޖޭގެ ގަވާއިދުތަކަށް "ފިލަން" ވެގެން ބޭރުގެ ގައުމުތަކަށް ގޮސް ކައިވެނިކުރާ މައްސަލަތައް އިތުރުވެފައިވާކަން ކޯޓުން ފާހަގަކުރި އެވެ.
ބޭރުގައި ކައިވެނިކުރާނަމަ ހުއްދަ ނަގަން ޖެހޭ ކަމުގައިވިޔަސް ހުއްދަ ނުނަގާ ކައިވެނިތައްކުރުންވެސް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން ނަސަބުއޮޅޭ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"އުސޫލާ އެއްގޮތަށް ކުރަންޏާ އެކަމުގައި މައްސަލައެއް ނެތް" އެ ކޯޓުން ބުންޏެވެ.







