މާލެ: 31°C
ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: ރައީސުލް ޖުމްހޫރިއްޔާ

ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: ރައީސުލް ޖުމްހޫރިއްޔާ

March 7, 2024
2 ފަހަރު ބަލާފައި
ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: ރައީސުލް ޖުމްހޫރިއްޔާ
ދިއްގަރުގައި 75 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރާއި ގުޅިގެން ކުރަންހުރި ކަންކަމާއި ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށުގެ މަގުތައް ހެދުމާއި އަދި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މިދިޔަ ދުވަސްތަކުގައި ކުރަމުންދިޔަ މަސައްކަތްތަކަކީ އިޤުތިޞާދުގައި ހުރި މައްސަލަތައް ހައްލުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްކަމުގައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ފުޅުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުންކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން އިޤުތިޞާދީ މަންފާލިބޭގޮތަށް ކައުންސިލުގެ އިޚްތިޞާސްގައި އޮންނަ ރަށެއް ނުވަތަ އިޚްތިޞާސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާގޮތަށް ނިންމެވި ނިންމެވުމަކީވެސް އެބޭނުމުގައި ނިންމެވި ނިންމެވުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ރަށްތަކަށް އެދުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެކަމަށާއި އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓްކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށްވެސް މިހާރު ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަދަލާއެކު އެފަދަ ރަށްރަށުގައި އެކިދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ