މާލެ: 31°C

ދިފާއީ ދާއިރާއާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެެއާއި އިންޑިއާއިން އެއްބަސްވެއްޖެ

ދިފާއީ ދާއިރާއާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެެއާއި އިންޑިއާއިން އެއްބަސްވެއްޖެ
May 2, 2023
2 ފަހަރު ބަލާފައި
ދިފާއީ ދާއިރާއާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެެއާއި އިންޑިއާއިން އެއްބަސްވެއްޖެ
ދިފާއީ ދާއިރާއާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި އިންޑިއާއިން އެއްބަސްވެއްޖެއެވެ. މިފަދައިން އިންޑިއާއިން އެއްބަސްވެފައި ވަނީ، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓާރ މާރިޔާ އަހުމަދް ދީދީގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ.  ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ޑިފެންސް މިނިސްޓާރ އިން ވަނީ ގިނަ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. ސަރަހައްދުގެ ސުލްހަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ  މުހިންމު ކަމުގެ މައްޗަށް ވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ދެބޭފުޅުން ވަނީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި، ގަވާއިދުތަކަށް އިހްތިރާމް ކުރުމާއި އަދި ދެ ގައުމު ގުޅިގެން ގާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި މާރިޔާ ދީދީ ވަނީ، އިންޑިޔާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލު ކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. އެގޮތުން، ދިފާއީ އަދި އިގްތިސާދީ ދާއިރާއިން ގާބިލްކަން އިތުރުކުރުމާއި، ދެ ގައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައިވެސް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިފާޢީ ވަޒީރުގެ ނައިބު ޙަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލް ލަތީފް ބައިވެރިވެލެއްވިއެވެ. މިއަދު ހަވީރު ޝްރީ ރާޖްނާތު ވަނީ، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާއަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. އެތަނުން އޭނާއަށް މަރުޙަބާ ދެންނެވީ، މިނިސްޓަރު މާރިޔާ އެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުންގެ ހާޒިރުގައި ދިދަވެރިން، ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކޮށް، ޝަހީދުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. މި ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ސީނިއ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޝްރީ ރާޖްނާތު މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ތިން ދުވަހުގެ މުއްދަތަށް ރާއްޖެ ވަޑައިގެންފައި ވަނީ މިނިސްޓަރު މާރިޔާގެ ދައުވަތަކަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ