ރައީސް ވިދާޅުވީ 2013 އިން 2018 އަށް އޮތީ އާބާދީ ކުޑަ ރަށްރަށް "އުންމީދެއް ނެތް" ތަންތަނުގެ ގޮތުގައި ދޫކޮށްލައިފައި ކަމަށެވެ. އެއާ ހިލާފަށް މި ސަރުކާރުން އާބާދީއަށް ބެލުމެއް ނެތި މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫތައް ހިންގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
"އަަޅުގަނޑުގެ ނަޒަރުގައި ކޮންމެ ރައްޔިތަކީ އެ މީހަކަށް ހައްގުވާ އަސާސީ ޚިދުމަތްތައް ލިބެންޖެހޭ މީހެއް." ރައީީސް ވިދާޅުވިއެވެ.
އެގޮތުން، ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން ރައީސް ސޯލިހު ވަނީ ދެވަނަ ދައުރެއް ލިބިއްޖެނަމަ، ކޮޅުފުށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިހާތަނަށް 148 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ކުރިއަށްދާ ކަމަށާއި 158 ރަށުގައި އިންޖީނުގެ ޖަނަރޭޓަރު ބަދަލުކޮށް ނިމި، ބިން ހިއްކުމުގެ 21 މަޝްރޫއެއް ހިންގައި، އެތަނުން 8 މަޝްރޫއު ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި 13 މަޝްރޫއު ހިނގަމުން އަންނަ ގެދޮރުވެރިކަމުގެ ލޯނުގެ ގޮތުގައި 104 މިލިއަން ރުފިޔާ ދޫކުރެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ."އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން އަމާންވެއްޓެއްގައި ތަރައްގީގެ މުޖުތަމައެއްގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރިއަށްގެންދަނީ އެ މަސައްކަތް. ކުރިއަށް އޮތް ދައުރުގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ އެއީ. އުފާވެރި، އަމާން މުޖުތަމައުއެއް ރާއްޖޭގައި ބިނާކުރުން، ރައްޔިތުންނަށް ހޯދައިދިނުން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތިން ދުވަހުގެ މި ކެމްޕޭނު ދަތުފުފުޅުގައި މ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ކޮޅުފުއްޓަށެވެ. އެއަށްފަހު ނާލާފުށި، މުލި، އަދި މުލަކަށް މިއަދު ވަޑައިގަންނަވާނެއެވެ. އެއަށްފަހު ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް އާއިއެކު އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.






