މާލެ: 31°C
ދެންވެސް ހެލިކޮޕްޓަރު ދުއްވާނީ އިންޑިއާ ޕައިލެޓުން. އެގައުމުން ދޭ ހިލޭ އެހީވެސް އިތުރުކޮށްފި

ދެންވެސް ހެލިކޮޕްޓަރު ދުއްވާނީ އިންޑިއާ ޕައިލެޓުން. އެގައުމުން ދޭ ހިލޭ އެހީވެސް އިތުރުކޮށްފި

February 9, 2024
3 ފަހަރު ބަލާފައި
ދެންވެސް ހެލިކޮޕްޓަރު ދުއްވާނީ އިންޑިއާ ޕައިލެޓުން. އެގައުމުން ދޭ ހިލޭ އެހީވެސް އިތުރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ދިން ހެލިކޮޕްޓަރުތައް ދެންވެސް ދުއްވާނީ އެގައުމުގެ ޕައިލެޓުން ކަމަށާއި، ރާއްޖެއަށް ދޭ ހިލޭ އެހީވެސް އިތުރުކުރުމަށް ނިންމާފައިވާކަމަށް އަވައްޓެރި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވެއްޖެއެވެ. ރަންދީރު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދުގައި މިހާރު ނުތަނަވަސްކަން އިތުރުވެފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތުތައް ހާމަކުރައްވާފައެވެ. ހޫނުވެފައިވާ ހެލިކޮޕްޓަރުގެ މައްސަލައާ ގުޅޭގޮތުން ރަންދީރު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ދެގައުމުގެ މެދުގައި މަޝްވަރާކުރެވުނު ގޮތަށް ކުރިއަށްދާނޭ ކަމަށާއި، ނަމަވެސް ހެލިކޮޕްޓަރުތައް އަނބުރާ ގެނައުމަށް ނިންމާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ރަންދީރު ވިދާޅުވީ އިންޑިއާ ސިފައިން ފޭބުމުން މީގެ ކުރިން ހެލިކޮޕްޓަރު ދުއްވުމުގައި ހަރަކާތްތެރިވި އެގައުމުގެ އެއާފޯސް ޕައިލެޓުންގެ ބަދަލުގައި ދެންވެސް ތިބޭނީ އެގައުމުގެ ޕައިލެޓުން ކަމަށެވެ. އިންޑިއާ އާއި ދިވެހިރާއްޖޭގެ ކަމާއިބެހޭ މަތީފަންތީގެ ބައްދަލުވުންތަކަށް ފަހު، ނިންމާފައިވަނީ އަންނަ މަހުގެ ދިހައެއްގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވީ، މިއަހަރުގެ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ކުރިން ދިނުމަށް ނިންމި 600 މިލިއަން އިންޑިއާ ރުޕިސްގެ އަދަދު 779 މިލިއަން ރުޕީސްއަށް އިތުރުކުރުމަށްވެސް ނިންމާފައިވާކަމަށެވެ. "ދިވެހިރާއްޖެ އިންޑިއާއަށް މުހިއްމުވާނެ. ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނާނެ" ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވިއެވެ. އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެނބުރި ގައުމަށް ދިއުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގެ ވިސްނުން މީގެކުރިން ހުރީ އިންޑިއާއިން ދިން ހެލިކޮޕްޓަރުތައްވެސް އަނބުރާ ފޮނުވާލުމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކަށްފަހު އެކަމުގައި ދިވެހި ސަރުކާރުން ގެންގުޅުނު ވިސްނުން މިހާރު ވަނީ ބަދަލުވެފައިކަން ފާހަގަކޮށްލެވެއެވެ. މި ސަރުކާރުގެ ބައެއް ވަޒީރު ފެންވަރުގެ ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން، މި ފަހަކަށް އައިސް ވަނީ މިއިން ޒަމާނަކު ގޯސް ނުވާވަރަށް ގޯސްވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ