ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުން ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދާންދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ދާންދޫގެ ރައްޔިތުން އެދިވަޑައިގެންފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި، ޖުމްލަ ގޮތެއްގައި އެ ހުރިހާ ކަންކަމެއްވެސް ކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީއާ ބެހޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންތައްތައް ކޮށްދިނުމަށް އަމިއްލަ ކުންފުނިތަކުން އިންވެސްޓުކުރުމަށް ހުޅުވާލައިގެން ނަމަވެސް، ވަކި ތަރުތީބަކުން ގިނަ ކަންކަން ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވާފައެވެ.






