މާލެ: 31°C

ދެކުނުގެ ކަނޑުތަކުގެ ދިރާސާއެއް ފަށައިފި، ނޫރާއްޖެއިން ބައިވެރިވޭ

February 26, 2023
2 ފަހަރު ބަލާފައި
ދެކުނުގެ ކަނޑުތަކުގެ ދިރާސާއެއް ފަށައިފި، ނޫރާއްޖެއިން ބައިވެރިވޭ
ދެކުނުގެ ކަނޑުތަކުގެ ދިރާސާއެއް ފަށައިފި، ނޫރާއްޖެއިން ބައިވެރިވޭ
ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ދިރާސާއެއް ކުރުމަށް މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން ނޭޝަނަލް ޖިއޮގްރިފިކްގެ ޕްރިސްޓީން ސީސް އިން މިއަދު ފަށާ އެކްސްޕެޑިޝަންގައި ނުރާއްޖޭގެ ސައިންޓިސްޓް މައީޝާ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ. އެ އެކްސްޕެޑިޝަންގައި ކުރިއަށް އޮތް މަހުގެ ތެރޭގައި ހުވަދު އަތޮޅާއި ، ފުވައްމުލައް އަދި އައްޑޫ އަތޮޅަށް ދަތުރުކުރުމަށް ބޭނުންކުރާނީ "ބްލޫ ފޯސް ތްރީ" އުޅނދެއް ކަމަށް ނޫރާއްޖެއިން ބުންޏެވެ.  ދަތުރުގެ ސަބަބުން ލިބިގެނަދާނެ މައުލޫމާތަކީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކަކަށް ވާނެ ކަމަށް ވެސް "ނޫރާއްޖެ" މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ދަތުރުގައި މައީޝާގެ އިތުރުން ރާއްޖޭ އަދި ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިންވެސް ބައިވެރިވެއެވެ. އޭގެ ތެރޭގައި އެކްސްޕެޑިޝަން ލީޑަރ ޔުނިވާރސިޓީ އޮފް ޕްލިމައުތުގެ ޑރ. ކީރަން ފްރޭސަރ އާއި އެކްސްޕެޑިޝަންގެ ޗީފް ސައިންޓިސްޓް ޑރ. އެލަން ފްރެއިޑްލަންޑަރ އަދި ރާއްޖޭގެ މެރިން ބައޮލޮޖިސްޓް ކަމުގައިވާ އާޔާ ނަސީމް ހިމެނެއެވެ. އެ އެކްސްޕެޑިޝަން ނިންމުމަށްފަހު އެ ޓީމުގެ ސައިންޓިފިކް ރިޕޯޓްތަކާއި ޑޮކިއުމެންޓަަރީ ވީޑިއޯއެއް ތައްޔާރު ކުރެވިގެންދާނެ ކަމަށް ނޫރާއްޖެއިން ބުނެއެވެ. މީގެ އިތުރުން މި އެކްސްޕެޑިޝަންގެ ތެރެއިން ރާއްޖޭގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ލައިވް އޮންލައިން ޝެޝަނަކާއި ސުވާލާއި ޖަވާބު ޝެޝަނެއް ހިންގާނެ ކަމަށްވެސް އެމީހުން ބުނެއެވެ. "ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ ކަނޑުގެ ހާލަތާއި ގުޅޭ އަގުހުރި މައުލޫމާތުތަކެއް އެއްކުރުމުގެ އިތުރުން ހިމާޔާތްކުރަންވީ ސަރަހައްދުތައް ދެނެގަތުމަށް އެހީތެރިވެދޭނެ. މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ އަޅުގަނޑު އުފާކުރަން. މިފަދަ އެކްސްޕެޑިޝަން ތަކުގެ ސަބަބުން ކަނޑުފަޅުގެ ސަރަހަައްދުތައް ރައްކާކުރުމުގެ މުހިއްމުކަން ސައިންސް އިން ބާރުލިބި، ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކަށް ވުމަށް މަގުފަހިވެގެންދޭ." ނުރާއްޖޭގެ ސައިންސް އެންޑް ކޮމިއުނިކޭޝަން ލިއޭސަން މައީޝާ މުހައްމަދު ވިދާޅިވިއެވެ. ނޫރާއްޖެ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއިއެކު މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކޮލްއިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޮޕަމެންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމް އެކެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ