މާލެ: 31°C

ދެބައޮޑުވުމާ، ދޭތެރެޖެއްސުމާ، މީހުންގެ އަބުރަށް އަރައިގަތުމާ، ދޮގުހެކި ދިނުމަކީ ބޮޑެތި އަޒާބު ލިބޭ ފާފަ: ޚުތުބާ

ދެބައޮޑުވުމާ، ދޭތެރެޖެއްސުމާ، މީހުންގެ އަބުރަށް އަރައިގަތުމާ، ދޮގުހެކި ދިނުމަކީ ބޮޑެތި އަޒާބު ލިބޭ ފާފަ: ޚުތުބާ
June 30, 2023
2 ފަހަރު ބަލާފައި
ދެބައޮޑުވުމާ، ދޭތެރެޖެއްސުމާ، މީހުންގެ އަބުރަށް އަރައިގަތުމާ، ދޮގުހެކި ދިނުމަކީ ބޮޑެތި އަޒާބު ލިބޭ ފާފަ: ޚުތުބާ
ދެބައޮޑުވުމާ، ދޭތެރެޖެއްސުމާ، މީހުންގެ އަބުރަށް އަރައިގަތުމާ ދޮގުހެކި ދިނުމަކީ ބޮޑެތި އަޒާބު ލިބޭ ފާފަތައް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފި އެވެ. "ދުލުގެ އާފާތްތައް"، މިމައުޟޫއަށް އޮތް، ހުކުރު ހުތުބާގައި ބުނީ އީބަ ބުނުމަކީ ތިމާގެ އަހާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށާއި، ނުވަތަ މީސްތަކުންގެ ގާތުގައި އަނެކާގެ ކިބައިގާ ހުރި އައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ނުބައިވެގެންވާ ފާފައެއް ކަމަށެވެ. "ތިޔަބައިމީހުން ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަފަށާދަ ފެތުރުމާއި ދުރުހެލިވާށެވެ! ކަށްވަޅުގައި އަޒާބުލިބޭ އަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނެއެވެ “ ހުތުބާގައި ބުންޏެވެ. ހުތުބާގައި އިތުރަށް ބުނީ މުސްލިމުންގެ އީބަ ބުނެ ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ގިޔާމަތް ދުވަހުން އެމީހުން ކޮށް އުޅުނު ފާފަތަކާއި އެއްފަދަ އަޒާބުދެއްވާނެ ކަމަށެވެ. "ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގުހެކި ދިނުމާއި ދޮގު ހުވާ ކުރުން ހިމެނެއެވެ. الله ގެ ހަސްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވެއެވެ “ ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. އެގޮތުން ގާޒީއަށް ހައްގުއޮޅި، ބާތިލަކީ ހައްގުކަމުގައި ހީވުމާއި، އޭގެ ސަބަބުން ކުށެއް ނެތްމީހުންނަށް ހައްގަކާއި ނުލާ އަނިޔާ ލިބުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ދުލުގެ އާފާތްތަކުން ރައްކާތެރިވުމަށް ބާރު އަޅުއްވައި، ކީރިތި ރަސޫލާ ގެ އަރިހުން އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވާކަމށް ހުތުބާގައި ބުނީ،  " ތިޔަބައިމީހުން ޙަސަދަވެރި ނުވާށެވެ! ތިޔަބައި މީހުން މަކަރު ހަދައި އޮޅުވައި ނުލާށެވެ! އަދި ރުޅި ނާންނާށެވެ! އަދި ފުރަގަސް ނުދޭށެވެ! އަދި ތިބާގެ އަޚާގެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ވިޔަފާރި ނުކުރާށެވެ! އަދި މާތް ﷲ އަށްޓަކައި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި ދެރަކޮށް ނިކަމެތިކޮށެއް ނުލާނެއެވެ. ތަޤްވާވެރިކަން ވަނީ މިތާނގައެވެ. މިހެން ތިން ފަހަރު ޙަދީޘް ކުރައްވައި އެކަލޭގެފާނުގެ މޭފުޅާ ދިމާލަށް އިޝާރާތް ކުރެއްވިއެވެ". މީގެ އިތުރުން، މާތް ﷲގެ ވަހީ ބަސްފުޅުގައި ވަނީ، " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއްް ހީ އަކީ ފާފައެކެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުގެ ތެރެއިން އެކަކު ވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަށް ނުރުހެނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރާހީމްވަންތަ ރަސްކަލާނގެ އެވެ."

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ