މާލެ: 31°C
ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާ ފެށުމަށްފަހު މާގިނައިރު ނުވެ ނިންމާލައިފި

ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާ ފެށުމަށްފަހު މާގިނައިރު ނުވެ ނިންމާލައިފި

July 3, 2023
2 ފަހަރު ބަލާފައި
ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާ ފެށުމަށްފަހު މާގިނައިރު ނުވެ ނިންމާލައިފި
ދައުރުން ބޭރުން ބާއްވަން އެޖެންޑާކޮށް މިއަދު ފެށި މަޖިލީހުގެ ޖަލްސާ، ނިންމާލައިފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ އެއް ބާއްވައިދިނުމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 29 މެންބަުރުންގެ ސޮޔާ އެކުގައެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު އެމްޑީޕީން މިގޮތަށް ހުށަހެޅީ މަޖިލީހުން ބޮޑެތި މައްސަލަތަކެއް ނިންމަން ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް އެދުވަހު ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ.
މި އަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީތަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވީ، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެެވެ.
އަފީފް ވިދާޅުވީ މި ދެ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބަދަލުތަކެއް އަންނާނެތީވެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެވޭނީ އެ ރިޕޯޓް އަލުން މެންބަރުންނަށް ފޮނުވާ، އިސްލާހު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު އެވެ.
އެހެން ވިދާޅުވުމަށްފަހު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް އިއުލާން ނުކުރއްވާ، އަފީފް ވަނީ މިއަދުގެ ޖަލްސާ ނިންމަވާލެއްވި އެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަފީފް ވަނީ މަޖިލީހުގައި މެންބަރުން ތަމްސީލް ކުރާ ގޮތަށް އައި ބަދަލުތައް ވެސް އިއުލާންކުރައްވާފަ އެވެ.

އެއީ:

  • އެމްޑީޕީ - 54 މެންބަރުން
  • އަމިއްލަ - 18 މެންބަރުން
  • ޕީޕީއެމް - 5 މެންބަރުން
  • ޕީއެންސީ - 3 މެންބަރުން
  • އެމްއެންޕީ - 3 މެންބަރުން
  • ޖެޕީ - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ މައްސަލަ ވެސް ނަންގަވަމުންނެވެ. ނަމަވެސް ނިޒާމީ މައްސަލައަށް އަފީފް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ