މާލެ: 31°C
ދައުރު ހަމަވެ، ހަބީބް އީސީން ވަކިވެވަޑައިގެންފި

ދައުރު ހަމަވެ، ހަބީބް އީސީން ވަކިވެވަޑައިގެންފި

March 13, 2024
3 ފަހަރު ބަލާފައި
ދައުރު ހަމަވެ، ހަބީބް އީސީން ވަކިވެވަޑައިގެންފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގައި 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ. ހަބީބް އީސީން ވަކިވެވަޑައިގަތީ ކޮމިޝަންގެ މެންބަރުކަން ދެ ދައުރުގައި ކުރެއްވުމަށްފަހުއެވެ. އީސީގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ މެންބަރު ކަމުގައި ގިނަވެގެން ހުރެވެނީ 5 އަހަރުގެ ދެ ދައުރަށެވެ. ނަމަވެސް އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ހަބީބް ވަނީ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އާންމު އިންތިހާބުތައް ރާވާ ހިންގުމުގައި، އިންތިހާބުތަކާބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ. އަދި މަސައްކަތުގައި މާހައުލުގައި ހޭދަކުރެއްވި މުއްދަތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަކަށް ހަބީބް ވަނީ ޝުކުރު އަދާކުރައްވާފައެވެ. https://twitter.com/IsmailHabeeb/status/1767699579762610551 އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަންކުރީ 2013 ވަނަ އަހަރުގެ މާޗް 13 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއަށްފަހު ފުރަތަމަ ދައުރު ހަމަވެ ދެވަނަ ދައުރަށް އައްޔަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރުގައި 2019 ވަނަ އަހަރެވެ. އީސީގެ މެންބަރުކަމުން ހަބީބް ވަކިވެވަޑައިގަތުމާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާއިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އއ. ފެރިދޫ، ހާލި، އަލްފާޟިލް އަލީ ނަޝާތު އައްޔަނު ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ