މާލެ: 31°C
ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަނީ

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަނީ

January 14, 2024
3 ފަހަރު ބަލާފައި
ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަނީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކޮށް އާއްމުންނަށް ހިއްސާ ވިއްކާނީ ކޮން ކޮން ކުންފުނިތަކަކުންތޯ ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ އެތަންތަން ހިންގުމަށް ދައުލަތުން ހަރަދުކުރަން ނުޖެހޭ އަދި ފައިދާވާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތު ތަކެއް އެކުލަވާލަން ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށެެވެ.

ސަރުކާރު ކުންފުނިތަކާ ގުޅިގެން ހުށަހެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ:

  1. ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖާކޮށް، ކުންފުނިތަކުގެ ޕާފޯމެންސް އިތުރު ކުރުމަށް ޝައުގުވެރިކަން އިތުރު ކުރެވޭނެހެން ވަކިވަކި ކުންފުނިތަކަށް ހާއްސަ ކީޕާފޯމެންސް އިންޑިކޭޓަރސް ނުވަތަ ކޭޕީއެސް ކަނޑައަޅާ ތިން މަސް ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރުން
  2. ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި، ޕަބްލިކް، ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހިންގާނެ ކުންފުނިތަކާއި، އަދި އާއްމުންނަށް ހިއްސާ ވިއްކައިގެން ކުންފުނިތައް ދެނެގަނެގަނެ އެކުލަވާލަން ޖެހޭ ސިޔާސަތުތައް ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައަޅާ އެކުލަވާލަން
  3. ކުންފުނިތަކުގެ ގަވަނެންސް ހަރުދަނާކޮށް ބޯޑުގެ ސަބް ކޮމެޓި، އޮޑިޓް ކޮމެޓީ، ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީތައް އެކުލަވާލާ ފަންގޝަންތައް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ތިން މަސް ދުވަހުގެ ތެރޭގައި ގެނައުން.
  4. ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުން.
  5. އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތަކުގެ ހިންގުން މި އަހަރު ތެރޭގައި ހަރުދަނާކޮށް، ކޭޝް ފްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދީ، ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި ހަމައަށް މުއްދަތެއްދީ، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރެވޭ ކުންފުނިތައް، ރީސްޓްރަކްޗަރ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމާއި، އުވާލަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުމާއި، އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ ތަންފީޒު ކުރަން ފެށުން.
ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭއިން ހަފްތާ 14 ގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ