މާލެ: 31°C
ދައުލަތުގެ ހަރަދުގައި އައިވީއެފް ހެދުމަށް ޝަރުތު ހަމަވާ ފުރަތަމަ 37 މީހުން ކަނޑައަޅައިފި

ދައުލަތުގެ ހަރަދުގައި އައިވީއެފް ހެދުމަށް ޝަރުތު ހަމަވާ ފުރަތަމަ 37 މީހުން ކަނޑައަޅައިފި

July 2, 2024
3 ފަހަރު ބަލާފައި
ދައުލަތުގެ ހަރަދުގައި އައިވީއެފް ހެދުމަށް ޝަރުތު ހަމަވާ ފުރަތަމަ 37 މީހުން ކަނޑައަޅައިފި
ދައުލަތުގެ ހަރަދުގައި ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފަށް ޝަރުތުހަމަވާ 37 މީހަކު ކަނޑައަޅައިފިއެވެ. އެންސްޕާއިން ބުނީ، ކޮންމެ އަހަރެއްގައި ވެސް އައިވީއެފް ހެދުމުގެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކަށް ބެލުމަށް ފަހު ކަމަށާއި، އުސޫލުގައިވާ ޝަރުތުތަކާއި، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ، އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށް ކަމަށެވެ. އެހެން ކަމުން މި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އިވަލުއޭޓު ކުރުމަށްފަހު ޝަރުތު ހަމަވާ ފުރަތަމަ 37 މީހަކު ވަނީ މިހާރު ކަނޑައަޅާފައި ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެންސަޕާއިން ބުނީ މިދިޔަ މޭމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިޔެކިޔުން ހަމަނުކޮށް ހުށަހަޅާފައިވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅޭނެ ކަމަށާއި، އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވެފައިވާ ފަރާތްތަކަށް ވެސް އެ މުއްދަތުގެ ތެރޭގައި އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ދައުލަތުގެ ހަރަދުގައި މިއަހަރު އައިވީއެފް ހެދުމަށް ކަނޑައަޅާފައިވަނީ 100 މީހުންނަށް ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅި 153 ފަރާތްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 37 ފަރާތަށް، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ. މީގެ އިތުރުން އާސަންދައިން ބުނީ، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެ މީހުންނަށް މައުލުމާތު ފޯރުކޮށްދޭނެ ކަމަށެވެ. އެންސްޕާއިން ގެޒެޓް ކޮށްފައިވާ އުސޫލުގެ ދަށުން އާސަންދަ ސްކީމުން އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ ތިން ފަހަރުއެވެ. އަދި އައިވީއެފްގެ ފަރުވާ ފުރިހަމަކުރުމަށް އެހީ ހަމަޖައްސައިދޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއީ ދަރިމައިވުމުގެ ފަރުވާއަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި މި އުސޫލު ބައްޓަން ކުރވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ހިދުމަތް ލިބޭ ގޮތަށް ކަމަށް  އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަރ ސެންޓަރެއް ގާއިމް ކުރެވިގެންދާނެކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ