މާލެ: 31°C
ދަރިވަރުންގެ މުސްތަގްބަލަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ހެޔޮ ވެސް ނުވާނެ: އެމްޑީޕީ

ދަރިވަރުންގެ މުސްތަގްބަލަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ހެޔޮ ވެސް ނުވާނެ: އެމްޑީޕީ

January 12, 2024
3 ފަހަރު ބަލާފައި
ދަރިވަރުންގެ މުސްތަގްބަލަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ހެޔޮ ވެސް ނުވާނެ: އެމްޑީޕީ
95000 އެއްހާ ދަރިވަރުންގެ މުސްތަގްބަލަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާރުގެ ކަމެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައިމިވަނީ ތައުލީމީ ކަލަންޑަރަށް ގެނެވޭ ބަދަލުގެ ސަބަބުން ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދަންޖެހޭތީ ބައެއް ފަރާތްތަކުން ސަރުކާރަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާންމުންގެ ކަންބޮޑުވުން ޕާޓީއަށް ވެސް ހުށަހަޅަމުންދާ ކަމަށެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ބެލިބެލުމުން ފާހަގަކުރެވުނު ކަންކަން ހާމަކުރަމުން އެމްޑީޕީން ބުނީ ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދޭދޭ ގުޅުންތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ވަރަށް ގިނަވާނެ ކަމަށެވެ. އަދި މިބަދަލުތައް ގެނެސްފައިމިވަނީ ދިރާސީ އަހަރުން 6 މަސްދުވަސް ގެއްލޭގޮތަށް ކަމަށާއި މިކުރު މުއްދަތުގެ ތެރޭގައި ސިލަބަސް ކަވަރ ކުރުމަށާއި މަންހަޖުގައި ކަނޑައަޅާފައިވާ ލާރނިންގ އައުޓްކަމްސް އާއި ހުނަރުތައް ދަރިވަރުންނަށް ހަސިލުކޮށްދިނުމަށް މުދައްރިސުން މަސައްކަތްކުރަންޖެހޭނީ އިންތިހާ ޕްރެޝަރުގައި ކަމަށް ބުނެފައިވެއެވެ. "މިކަމުގެ ސަބަބުން މުދައްރިސުންގެ ވޯކްލޯޑް އިތުރުވެގެންދާނެއެވެ. ގިނަވަގުތު ސްކޫލު ގައި ހޭދަކުރަން ޖެހުމުން އަމިއްލަ އާއިލާ އަށާއި އަމިއްލަ ނަފުސަށްޓަކައި ހޭދަކުރާ ވަގުތު ގުރުބާންކުރަން ޖެހުމަކީ މުދައްރިސުން މިހާރަށްވުރެންވެސް ބޮޑަށް ވަރުބަލިވެ، ބާންއައުޓްވެ އަދި މުދައްރިސުންގެ އާއިލީ ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް." އެ ބަޔާނުގައި ބުނެފައިވެއެވެ. ދަރިވަރުން ގިނަވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމުން އެކުދީން އަބަދު ސްކޫލަށް ގެންދިޔުމުގެ ތަކުލީފު ބެލެނިވެރީންނަށް އުފުލަންޖެހޭނެ ކަމަށާއި މިއީ ބުރަކޮށް މަސައްކަތުގައި އުޅޭ ބެލެނިވެރިންނާއި ގިނަ ދަރިން ސްކޫލަށް ގެންދާ ބެލެނިވެރިންނާއި ސިންގަލް ޕޭރެންޓްސްއަށް މެނޭޖްކުރަން އުނދަގޫވާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަގެއް ދައްކަންޖެހޭނީ ދަރިވަރުން ކަމަށާއި ގިނަވަގުތު ސްކޫލުގައި ހޭދަކުރަންޖެހުމާއި ގޭގައި ވެސް އަބަދު ފިލާވަޅު ދަސްކުރުމަށް ނުވަތަ ހޯމްވޯރކް ހަދަން އުޅެންޖެހުމުން ސިކުނޑި ވަރުބަލިވުމާއި ކުދިކުދި ކަންތަކާއި ރުޅިއައުން ފަދަ ޖަޒުބާތީ މައްސަލަތައް އެކުދިންނަށް ދިމާވާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި ވިސްނާންޖެހޭ ކަމަކީ ދަރިވަރުންގެ ގްރޭޑަށް ވުރެން ނުވަތަ ހޯދާ މާރކްސްއަށް ވުރެން އެކުދީންގެ މެންޓަލްހެލްތް މުހިއްމުކަން ކަމަށްވެސް ބުނެފައިވެ އެވެ.
"އެއްވެސް ވަރަކަށް ވިސްނާނުލާ ސިޔާސީ ޕޯޑިއަމްއެއްގައި ބުނެވުނު ވައުދެއް ފުއްދުމުގެ ބޭނުމުގައި 95000 އެއްހާ ދަރިވަރުންގެ މުސްތަގްބަލަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން." އެ ބަޔާނުގައިވެއެވެ.
އެހެންކަމުން، އެމްޑީޕީން ވަނީ ދަރިވަރުންގެ ޖުމްލަ ތަރައްގީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ