މާލެ: 31°C

ދަރަންޏާ ގުޅުވައި އީވާ ހުށަހެޅުއްވި ގަރާރާ އެކު އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުމެއް!

February 22, 2023
2 ފަހަރު ބަލާފައި
ދަރަންޏާ ގުޅުވައި އީވާ ހުށަހެޅުއްވި ގަރާރާ އެކު އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުމެއް!
ދަރަންޏާ ގުޅުވައި އީވާ ހުށަހެޅުއްވި ގަރާރާ އެކު އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުމެއް!
ދައުލަތުގެ ދަރަނި ރިސްޓްރަކްޗާ ނުކުރާތީ ދައުލަތަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ހުށަހެޅުއްވި ގަރާރަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ދެ ފެކްޝަނުގެ މެމްބަރުންގެ މެދުގައި ބޮޑު އަރައިރުމެއް ހިނގައިފި އެވެ. ދަރަނި ރިސްޓްރަކްޗާ ކުރަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އީވާ ހުށަހެޅުއްވި ގަރާރެއްގައި ގޮވައިލެއްވީ އޭރު ފާސްކުރި ރިޕޯޓްގައި ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒުކުރުމަށެވެ. އެ ގަރާރުގެ އިބްތިދާއީ ބަހުސްގައި އީވާ ވިދާޅުވީ ދަރަނި ރިސްޓްރަކްޗާ ކުރުމަކީ ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އޮތް ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އިރު ވެސް ވިދާޅުވި ކަމަށެވެ. އީވާ ތުހުމަތުކުރެއްވި ގޮތުގައި ދައުލަތް ޑިފޯލްޓް ވިޔަ ނުދީ ފައިސާ ހިފެހެއްޓުމަށް ޓަކައި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްކުރެ އެވެ. ދައުލަތުގެ ކުންފުނިތަކުން އަމިއްލަ ކުދިކުދި ކުންފުނިތަކާ ހަވާލުކުރާ މަސައްކަތްތަކުގެ އަގު ނުދީ ދެ އަހަރު ތިން އަހަރު ވަންދެން ލަސްކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އެމްޑީޕީގައި އޮންނަ ދެ ފެކްޝަނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އީވާގެ އެ ތުހުމަތުތަކާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އޭނާއަށް ރައްދު ދެއްވި އެވެ. ޝަރީފަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނުގެ މެމްބަރެކެވެ. މެމްބަރު ޝަރީފު ތުހުމަތުކުރެއްވި ގޮތުގައި އީވާގެ ގަރާރަކީ ރާއްޖެ ބަންގުރޫޓު ކޮށްލަން މިދިޔަ ހަތަރު އަހަރު ކުރަމުން އަންނަ މަސައްކަތުގެ ބޮޅެކެވެ. "މިގައުމު ބަނގުރޫޓުވެއްޖެ ކަމަށް އިއުލާނުކުރުމަށް ބާރު އަޅައި، ކިތަންމެ ރީތި ބަހަކުން، އެއީ ރީސްޓްރަކްޗާ ކުރުމޭ ބުންޏަސް ކުރަން އުޅޭ ކަމަކީ އެކަން ސަރުކާރަށް މަޖުބޫރުކުރެވޭތޯ، ހަތަރު އަހަރު ކެނޑިނޭޅި މަޖިލިސް ތެރެއިން ކުރި މަސައްކަތް އަނެއްކާ ވެސް އަލުން ފަށައިގެން [ކުރިއަށް ގެންދިއުންޕ]،" ޝަރީފު ވިދާޅުވި އެވެ. އޭގެ ފަހުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ ދަރަނި ރިސްޓްރަކްޗާ ކުރަން ސަރުކާރަށް ގޮވާލައި 2020 ވަނަ އަހަރު މަޖިލީހުން ފާސްކުރި ރިޕޯޓަށް މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވެސް ވޯޓު ދެއްވި ކަމަށެވެ. ދައުލަތުގެ ދަރަނި ރިސްޓްރަކްޗާ ނުކުރާތީ ބޮޑެތި ގެއްލުންތައް ވަމުން ދާ ކަމަށް އީވާގެ ގަރާރުގައި ކުރައްވާފައިވާ ތުހުމަތުތައް އިލްޔާސް ވެސް ތަކުރާރު ކުރެއްވި އެވެ. އޭނާ ވާހަކަ ދައްކަވަމުން ގެންދެވި އިރު ރައީސް ފެކްޝަނަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. އެއާ އެކު މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތަވަން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތް ދެއްވި އެވެ. އަދި އޭނާގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ. ޔައުގޫބުގެ ނަން އިއްވުމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވެސް އަޑު ގަދަ ކުރައްވަން ފެށްޓެވި އެވެ. އެހެން ނަަމަވެސް އޭނާއަށް ނަޝީދު ދެއްވީ ހަމަ އެކަނި ނަސޭހަތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ