މާލެ: 31°C
ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް، މަސްވެރިންނަށް ނުދެވިހުރި ފައިސާ ދެއްވާނޭކަމަށް ރައީސް ވިދާޅުވެއްޖެ

ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް، މަސްވެރިންނަށް ނުދެވިހުރި ފައިސާ ދެއްވާނޭކަމަށް ރައީސް ވިދާޅުވެއްޖެ

February 1, 2024
3 ފަހަރު ބަލާފައި
ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް، މަސްވެރިންނަށް ނުދެވިހުރި ފައިސާ ދެއްވާނޭކަމަށް ރައީސް ވިދާޅުވެއްޖެ
ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ މުއާމަލާތްތައް ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ނުދިނުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވެފައިވަނީ، ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ހދ.ނޮޅިވަރަންފަރަށް ނިސްބަތްވާ މަސްވެރިއެއްކަމަށްވާ ޢަބްދުލްޣަނީގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ. ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށްކަމަށެވެ. އަދި އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯއިން މަސްވެރިންގެ އަތުން މަސްގަނެ، ނުދީ ހުރި ފައިސާގެ އަދަދު އުޅެނީ 250 މިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ