ދަރަނިވެރިވެފައިވާ މީހުން ސަރުކާރާއި މުވައްސަސާތަކުގެ މަގާމުތަކަށް ނުލާން ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓްރެވަލް އޭޖެންސީ، އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ގޮވާލައްވައިފި އެވެ.
ފިރާގު އެފަދައިން ގޮވާލެއްވި އިރު ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ނަގާފައިވާ 5.2 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާތީ އެ ލޯނު ހަލާސްކުުރުމަށް ކޮންމެ މަހަކު 83،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް އިއްވާފައިވަނިކޮށް، މިއަދު ފޭސްބުކްގައި ފިރާގު ވިދާޅުވީ ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް ހުރި ފަރުދުން ސަރުކާރުން ހިންގާ މުއައްސަސާތަކުގައި ނުވަތަ ރަސްމީ މަގާމުތަކަށް އައްޔަން ކުރުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ފިރާގު ވިދާޅުވި ގޮތުގައި އެފަދަ މީހުން މަގާމުތަކަށް އައްޔަނުކުރުމުން ރައްޔިތުންގެ އިތުބާރު ގެއްލި އިތުރު ގޯސް އަމަލުތައް ހިންގުމަށް ފުރިހަމަ މާހައުލެއް ވެސް އުފެދޭ ކަމަށެވެ.
"މާލީ ވާޖިބުތަކެއް، ނުވަތަ ސުވާލު އުފެދޭ ފަސްބައެއް އޮންނަ ފަރުދުން މިފަދަ ދައުރު އަދާކުރާއިރު، ކޮރަޕްޝަނާއި ހިންގުމުގަ ދަށް ނަތީޖާއެއްގެ ނުރައްކާ އިތުރުވެ، ގޯސްކޮށް ކަންކަން ބެލެހެއްޓުމާއި އާންމު ވަސީލަތްތަކަށް އިތުރު ގެއްލުންތަކެއް ލިބުން އެކަށީގެންވެއެވެ" ފިރާގު ވިދާޅުވި އެވެ.
ފިރާގު ވަނީ ފުރިހަމަ ޑިއު ޑިލިޖެންސް އަކަށް ފަހު ހަމައެކަނި އިތުބާރު ހުރި ޒިންމާދާރު ފަރުދުންނަށް ނޫނީ މަގާމުތައް ނުދެވޭ ގޮތަށް ހަދަން ސަރުކާރަށް ގޮވާލައްވައިފަ އެވެ.







