ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ. މިއީ އަންހެނުން އިސްވެ ފަށާ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޤާއިމުކުރާ ފަންޑެކެވެ.
މިކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އިޢުލާން ކުރެއްވީ މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ފަންޑުގެ އަމާޒަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީތެރިވުމެވެ.
"ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާގައި އަންހެނުން އަދާކުރަމުންދާ ދައުރު ވަރަށް މުހިންމު. އަދި މި ދާއިރާތަކުގައި އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން،" ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެހެނިހެން ވަޞީލަތްތައް އަންހެނުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފަ އެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ވުޒާރާއިން ބުނެފައިވެ އެވެ.







