ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ބަލާނީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން ކަމަށް ބަލަން ނިންމުމާ ހަމައަށް އެޕާޓީގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ 23،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީ އިއުލާނު ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޝަކުވާއަކަށް ވެފައި ވަނީ އެމްޑީޕީގައި ކުރިން ތިބި" 40،000 މެމްބަރުން އެ މެމްބަރުންނަށް އެނގުމަކާ ނުލައި ޕާޓީން ވަކިކޮށްފައިވާ ކަމަށް" ވިދާޅުވެ ކުރައްވާ ޝަކުވާ އެވެ. ޕްރައިމަރީގެ ކަންތައް ބަލަހައްޓާނެ ކޮމިޓީއެއް އެކުލަވައިލަން އެެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ވެސް ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅުން އެ ޝަކުވާ އުފުލެއްވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ނެތް މީހުންގެ ތެރެއިން ވަކި ޕާޓީއެއްގެ ދަފުތަރުގައި ނުޖެހި ތިބީ 11،014 މީހުން ކަމަށެވެ.
"މި 11،014 މީހުންނަކީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ނުވެ ތިބި [ކުރިއްސުރެ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި]ތިޔަ ވިދާޅުވާ މީހުން ކަމަށް ވެދާނެ،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފުތަރުން އުނިކުރި މީހުންގެ ތެރެއިން އީސީގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި މެމްބަރުންގެ ތަފާސް ހިސާބު ދެއްވުމަށް ފަހު ފައްޔާޒް ވިދާޅުވީ ކުރިއްސުރެ އެމްޑީޕީގައި ތިބި އެތައް މެމްބަރުންނަކަށް މިފަހަުރުގެ ޕްރައިމަރީގައި ވޯޓުނުލެވޭކަން އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ދަފުތަރުގައި ކުރިން ތިބި އެހެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު
- ޕީޕީއެމް - 6350
- އެމްއެންޕީ -3845
- ޖޭޕީ - 3788
- އެމްޑީއޭ - 3087
- އަދާލަތު ޕާޓީ - 1711
- އެމްޓީޑީ - 1543
- އެމްއާރްއެމް - 928
- އެމްއެސްޑީޕީ - 875
- ޕީއެންސީ - 668
- ޑީއާރްޕީ - 389
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އެހެން ޕާޓީތަކުގެ މެމްބަރުން ވޯޓުލާ ކަމުގެ ޝަކުވާ އެޕާޓީގެ މެމްބަރުން އަބަދުވެސް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ވަކި "ނޭނގޭ ލިސްޓްތަކެއް ވަކި ދިމާލަކުން އަންނަ" ކަމުގެ ކަންބޮޑުވުން ކުރިން އޮތް ކަމަށެވެ.
"މިހާރު އެބަޔަކަށް އެ ފުރުސަތު ނެތް އިނގޭތޯ،" ފައްޔާޒު ވިދާޅުވި އެވެ.