މާލެ: 31°C

ދާންދުއަށް ރައީސްގެ ގިނަ ވައުދުތަކެއް!

December 24, 2022
2 ފަހަރު ބަލާފައި
ދާންދުއަށް ރައީސްގެ ގިނަ ވައުދުތަކެއް!
ދާންދުއަށް ރައީސްގެ ގިނަ ވައުދުތަކެއް!
ގއ. ދާންދުއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވައުދުވަޑައިގެންފި އެވެ. ދާންދޫގައި ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދާންދޫ ރައްޔިތުން ބޭނުންވާ ކަންތައްތަކެއްގެ ލިސްޓެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެރަށަށް ކޮށްދެއްވަން ކުރިން ވައުދުވެވަަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ 12 މަޝްރޫއުއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދާންދުއަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމަކީ އެރަށަށް ބިން އިތުރުކުރުމެވެ. "އިރާދަކުރެއްވިއްޔާ، މިރޭ އެ މަސައްކަތް ނިމި، ރައްޔިތުންނާ މި ހަވާލުކުރެވުނީ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 185 މިލިއަން ރުފިޔާ، މި ބިން ހިއްކުމަށްޓަކައި އަޅުގަނޑުމެން ޚަރަދުކޮށްފިން. ދެން އޮތީ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މި ހިއްކި ސަރަޙައްދާ ދާންދުއާ ގުޅުވައިލެވޭނެގޮތެއް ހެދުން. 2023 ވަނަ އަހަރުގެ ބަޖެޓުގައި، އެބައި ހިމަނައި، އެކަން ލަސްތަކެއްނުވެ އެމް.ޓީ.ސީ.ސީ. ފަށައިގެން ކުރިއަށް ގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދާންދުއަށް ކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންނެވި ބައެއް ކަންތައްތަތައް

  • ބޭންކެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށުން
  • އޮޑިދޯނިފަހަރު އެހެލައި މަރާމާތު ކުރާނެ ސްލިޕްވޭއެއް ހެދުން
  • ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން
  • ސްކޫލަށް މަލްޓިޕާޕާސް ހޯލަކާއި ކްލާސްރޫމުތައް އިތުރުކުރުން
ރައީސް ވިދާޅުވި ގޮތުގައި މަސްވެރިންގެ ކަންބޮޑުވުންތަކަކީ ދާންދުއާއި މުޅި ގއ. އަތޮޅުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެއީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަންބޮޑުވުންތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ބާނާ ހުރިހާ މަހެއް ނުކިރުމާއި، މަސްވެރިންނަށް ފައިސާ ލިބުން ލަސްވުމާއި، އައިސް ނުލިބުމާއި، ތެޔޮ ލިބުމުގެ ދަތިކަމުގެ ވާހަކަ އެއީ، ޝަކުވާ. ޙަޤީޤީ ޝަކުވާ އެއީ. ކަންބޮޑުވާ ކަންތައްތައް އެއީ. އަޅުގަނޑުމެންވެސް ފަށައިގެން ޙައްލު ހޯދަން މަސައްކަތް އެބަ ކުރަން،" ރައީސް ވިދާޅުވި އެވެ. އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މަސްވެރިން އެދޭ ސްޕީޑުގައި ކުރިއަށް ނުދާ ކަމަށާއި އެހެން ނަމަވެސް މަސްވެރިންގެ ޝަކުވާ ތަކަށް ވަގުތީ އަދި ދާއިމީ ހައްލުތައް ހޯދަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ދާންދުއަށް ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް އެރަށު ރައްޔިތުން ރައީސާ ހަވާލުކުރެއްވީ ރައްޔިތުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ