މާލެ: 31°C

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
August 26, 2024
2 ފަހަރު ބަލާފައި
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ އިސް ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒް މިއަދު ބައްދަލުކުރައްވައިފިއެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެއްވީ 2024 މެއި 16 ވަނަ ދުވަހުގައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި އެ ބޭންކުގެ ޗެއަރޕަރސަން އަރޫނީ ގޫނަތިލަކަ އާއި އެ ބޭންކުގެ ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާރޕަރސަން އަދި ސީ.އީ.އޯ ވަނީ މާލީ ދާއިރާގައި އެބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވަން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާރޕަރސަން އަކަށް އައްޔަނުކޮށްފައިވާ އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސަރވިސް ތަޖުރިބާކާރެކެވެ. އޭގެ އިތުރުން ކޯޕަރޭޓް ބޭންކިންގ، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް، އަދި ސްރީލަންކާގެ ބޭންކުތަކާ އިންޓަރނޭޝަނަލް ބޭންކުތަކުގެ އިންޓަރނަލް އޯޑިޓިންގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުލެއްކަމަށް ބަޔާންކޮސްފައިވެއެވެ. އަދި އެކަމަނާ އަކީ ހާވަރޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ ގެ މަގާމަށް އައްޔަނުކޮށްފައިވާ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްކަމަށާއި، އަދި އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕަރސަންގެ އިތުރުން އިރުދެކުނު އޭސިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހުނަރާ ގާބިލުކަން ދައްކަވާފައިވާ ބޭފުޅެއްކަމަށާއި އަދި މަނިކުފާނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަރ އޮފް ފިލޯސަފީ ހާސިލު ކުރައްވާ ބޭފުޅެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ