މާލެ: 31°C
ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ވޯޓުލުންވެސް ފަށައިފި

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ވޯޓުލުންވެސް ފަށައިފި

February 3, 2024
3 ފަހަރު ބަލާފައި
ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ވޯޓުލުންވެސް ފަށައިފި
ކުރިއަށް އޮތް ދައުރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދަ ޑިމިކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. ޑިމޮކްރެޓުންގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9 އަކުން ހަވީރު 4 ކަށެވެ. ޑިމޮކްރެޓްސްގެ ޕްރައިމަރީ ކުރިއަށްދާ ދާއިރާތައް:
  • ކެލާ ދާއިރާ
  • ކަނޑިތީމު ދާއިރާ
  • ހުޅުމާލެ ދެކުނު ދާއިރާ
  • ހެންވޭރު ދެކުނު ދާއިރާ
ޑިމޮކްރެޓްސް އިން ހާމަކުރި ގޮތުގައި ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރަން ހުޅުވާލުމުން ކުރިމަތިލީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންނެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންނެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކޮށްފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ. ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން، ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން އަލުން ހުޅުވާލާފައިވެއެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ