މިއަދު އޮންނަ މިނިސިސްޓަރުންނަށް ރުހުން ދިނުމުގެ ޖަލްސާއަށް ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ރުހުން ނުދިނުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕުން ނިންމައިފި އެވެ.
ރުހުން ދިނުމަށް މިއަދު 11:00 ގައި ބާއްވަން ތާވަލު ކުރި ޖަލްސާ މެންދުރު ފަހު 1:00 މިހާރުވަނީ ފަށާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް އެންމެ ފުރަތަމަ ޖަލްސާއެއް ތާވަލުކުރީ އިއްޔެ ހެނދުނަށެވެ. ނަމަވެސް, އެމްޑީޕީގެ ޕީޖީން އެކަމުގައި ވިޕެއް ނެރުމާ އެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާއަށް ހުރަސް އަޅައި ވޯޓު ހުއްޓުވާފަ އެވެ.
އިއްޔެ މެންދުރު 1:30 ގައި ވޯޓަށް އަހަން ތާވަލު ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި މައިކުތައް ފޮރުވާ އަދި ދުންމާރި ބޭނުން ކޮށްގެން އަޑުގަދަކޮށް ސަރުކާރު މެމްބަރުން ވޯޓަށް ހުރަސް އެޅިއެވެ.
އޭގެފަހު ރޭ 8:00 އަށް އަނެއްކާވެސް ވޯޓަށް އެހުން ތާވަލު ކުރި އެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތަށް ހުރަސް އަޅައި ޖަލްސާ ފެށިޔަ ދީފައެއް ނުވެ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައިކު ވެސް ނަގާފައިވެ އެވެ.






