މާލެ: 31°C

ޑީކޯވާ މީހުންނަށް އޭޑީކޭއިން މިހާރު ފަރުވާ ލިބޭނެ

January 11, 2023
2 ފަހަރު ބަލާފައި
ޑީކޯވާ މީހުންނަށް އޭޑީކޭއިން މިހާރު ފަރުވާ ލިބޭނެ
ޑީކޯވާ މީހުންނަށް އޭޑީކޭއިން މިހާރު ފަރުވާ ލިބޭނެ
ފީނަން ދާ މީހުން ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމުގެ ސަބަބުން ފަރުވާ ދޭނެ ޗެމްބަރުތަކެއް ބަހައްޓާ އެ ޚިދުމަތް، އޭޑީކޭ ހޮސްޕިޓަލުން ދޭން ފަށައިފިއެވެ. އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓްގެ ޚިދުމަތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މަޢުޞޫމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުޞޫމު ވިދާޅުވީ، ރާއްޖެ މަޝްހޫރު ވެފައި ވަނީ ޑައިވް ކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައިކަމަށާއި ޑީކޯ ޗެމްބަރަކީ ޑައިވް އިންޑަސްޓްރީއަށް ވަރަށް ބޭނުންތެރި އެއްޗެއްކަމަށެވެ. "ބައެއް ފަހަރު ކަމެއް ވެގެން ޓޫރިސްޓަކު ގެންދަން ބަލާއިރު ޗެމްބަރު މަސައްކަތް ނުކުރާ ހާލަތު އަތުވެދާނެ. އެކަމަކު ހޮސްޕިޓަލަކާ އެޓޭޗު ވެގެން ނުހުންނަ ތަނެއް ވިއްޔާ އެ ތަން މެނޭޖުކުރަން ވަރަށް ބޮޑު ކޮސްޓެއް އެބަދޭ." މިނިސްޓަރ ޑރ. މަޢުޞޫމު ވިދާޅުވިއެވެ. މީގެ ކުރިން މިފަދަ ޗެމްބަރުތައް ހިންގަމުން އައީ ރާއްޖޭގެ ބައެއް ރިސޯޓްތަކުގައެވެ. މިއީ ރާއްޖޭގައި ހޮސްޕިޓަލެއްގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފް ވިދާޅުވީ، މި ޚިދުމަތް ލިބޭނީ ހަމައެކަނީ ޑީކޯވާ މީހުންނަށް ނޫން ކަމަށެވެ. "ހަށިގަނޑުގައި ހުންނަ ފާރުތައް ފަސޭހަކޮށްދީ ހަށިގަނޑުގައި ހުންނަ ޖަރާސީމު ނައްތާލުމަށް ވެސް މި ޗެމްބާސް ބޭނުންކުރެވޭނެ. ހަމައެކަނި ތަފާތުވާނީ އެކި ކަންކަމަށް ބޭނުންކުރާ ޓްރީޓްމެންޓުތައް ތަފާތުވުން،" ޑރ. ނިޔާފް ވިދާޅުވިއެވެ. ޑީކޯވުމުގެ މައްސަލަޔަކީ ރާއްޖޭގައި މިހާރަކަށް އައިސް އާންމުވަމުންދާ މައްސަލައެކެވެ. މިއީ ފީނުމުގެ ތެރޭގައި ދިމާވާ މައްސަލައެވެ. ޑީކޯވެ ފަރުވާ ނުދެއްވިޖެނަމަ މީހާގެ ފުރާނައަށް ނުރައްކާވެއެވެ. ނުވަތަ އެމީހާގެ ހަށިގަނޑުން އެއްބައި ވާގި ނެތި މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ބަދަލުވެއެވެ. މިފަދަ އެތައް ބަޔަކު މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. ރާއްޖޭގައި އެކަށީގެންވާ މިންވަރަށް ޑީކޯ ޗެމްބަރު ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝުވާއެކެވެ. މި މައްސަލަ އެންމެ ގިނައިން ދިމާވަނީ މަސްވެރިންނަށެވެ. ރާއްޖޭގައި ޑީކޯ ޗެމްބަރު ހުންނަނީ 3 ރިސޯޓްގައެވެ. އެއީ ބަނޑޮސް އައިލެންޑް ރިސޯޓާއި ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓްގައެވެ. މީގެކުރިން ރައްޑޫސިޓީގެ ރިސޯޓެއްގެ އިތުރުން ހއ އަތޮޅު އަލިދޫ ރިސޯޓްގައިވެސް މިފަދަ ޗެމްބަރު ބެހެއްޓިއެވެ، ނަމަވެސް މި 2 ރިސޯޓުން މިހާރު މީގެ ޚިދުމަތެއް ނުލިބެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ