މާލެ: 31°C

ޗެކް ރިޕަބްލިކްގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ޗެކް ރިޕަބްލިކްގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
May 22, 2023
2 ފަހަރު ބަލާފައި
ޗެކް ރިޕަބްލިކްގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ. އެ ރަސްމިއްޔާތު ބޭއްވީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޗެކް ރިޕަބްލިކް އާ ސަފީރު މަގާމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް މަރުހަބާ ވިދާޅުވެ، މިއަހަރަކީ، ޗެކް ރިޕަބްލިކްއާ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ދެގައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވަނީ ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުސަތުތައް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި، ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުސަތު އޮތް ކަމުގައި ވިދާޅުވެފައެވެ. އޭގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ސިއްހީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ޗެކްރިޕަބްލިކްގެ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެގައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ