މާލެ: 31°C
ކޮވިޑްގައި އެސްޑީއެފްސީން ނެގި ލޯނުތައް އަދާކުރުން ދިގު ދައްމާލައިފި

ކޮވިޑްގައި އެސްޑީއެފްސީން ނެގި ލޯނުތައް އަދާކުރުން ދިގު ދައްމާލައިފި

April 12, 2024
3 ފަހަރު ބަލާފައި
ކޮވިޑްގައި އެސްޑީއެފްސީން ނެގި ލޯނުތައް އަދާކުރުން ދިގު ދައްމާލައިފި
ކޮވިޑާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުތައް އަނބުރާ ދެއްކުން ދިގު ދައްމާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ ފޮނަދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ވަނީ ކޮވިޑް ތެރޭގައި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ދޫކުރި ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް މައާފްކޮށްދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމާއި ގުޅިގެން އެސްޑީއެފްސީން މިއަދު ނެރެފައިވާ ބަާނެއްގައި ބުނެފައިވަނީ ކޮވިޑް ދުވަސްވަރު އެތަނުން ނެގި ލޯނުތައް އަދާކުރުމުގެ މުއްދަތު 10 އަހަރަށް ދައްމާލާފައިވާކަމަށެވެ. އެގޮތުން ދޫކުރި ހުރިހާ ލޯނުތަކެއް، ލޯނުތައް ނެގި ތާރީހުން ފެށިގެން 10 އަހަރުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށް އެސްޑީއެފްސީން ބުނެއެވެ. އެތަނުން ބުނީ ކަސްޓަމަރުންނަށް ލުއިކޮށްދިނުމުގެ ގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފްތާގެ ތެރޭގައި ލޯނުތައް ނަގާފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ލޯނުގެ އިންޓަރެސްޓް މައާފްކުރުމުން އނަްނަ ބަދަލުތައް ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް ފެންނަމުން ދާނޭ ކަމަށެވެ. އެސްޑީއެފްސީން ބުނީ މިހާތަނަށް ލޯނު އިންޓަރެސްޓްގެ ގޮތުގައި ދައްކާފައިވާ އަދަދު ލޯން ޕްރިންސިޕަލް އަދަދުން އުނިކުރެވިގެންދާނޭ ކަމަށެވެ. މިގޮތަށް އުނިކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލަށްވުރެ އިތުރަށް ދެއްކިފައިވީނަމަ އެފައިސާ އަނބުރާ ރައްދުކުރެވޭނޭ ކަމަށެވެ. މިލޯނު އަނބުރާ ދައްކައި ހަލާސްކޮށްފައިވާ ފަރާތްތަކަށްވެސް ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ދައްކާފައިވާ އަދަދު އަނބުރާ ރައްދުކުރެވޭނޭ ކަމަށްވެސް އެސްޑީއެފްސީން ބުނެއެވެ. https://twitter.com/SDFC_mv/status/1778531906117849369 ކޮވިޑް ބަލިމަޑުކަމުގައި ދޫކުރި މި ލޯނުގެ އިންޓަރެސްޓް މައާފްކުރެއްވިކަން ހާމަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެދުވަސްވަރު ވަރަށް ގިނަ މީހުން ލޯނުތައް ނެގި ކަމަށާއި، އެ ލޯނުތަކަށް ފައިސާ ނުދެއްކިފައިވެސް ވަރަށް ގިނަ މީހުން އެބަތިބި ކަމަށެވެ. ރައީސް ވިދާޅުވީ ލޯނުތައް ނެގި ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގެ ތެރެއިން ލޯނަށް އިންޓަރެސްޓްގެ ގޮތުގައި އަރާފައިވާ ބައި މައާފްކޮށްދިނުމަށް ނިންމެވީ ކަމަށެވެ. "އީދު ބަންދަށްފަހު އެސްޑީއެފްސީ ބޭންކަށް އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަ ކޮށްފައި އެޕްލައިކޮށް އެގްރިމެންޓް ހެދީމަ އިންޓްރެސްޓް މަފުވާނެ" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ ކުރިން އޮތް ސަރުކާރުން ކުރަން އުޅެމެ، ނުވި މަސައްކަތެއް ކަމަށާއި، މި ސަރުކާރުން މިކަން މި ކުރީ އިންތިހާބާ ދިމާކޮށް ނޫންކަމަށެވެ. މިގޮތުން ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު މިކަންކުރަން ފެއްޓެވި ކަމަށްވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ރައީސް ޑރ.މުއިއްޒު އެގޮތަށް ވިދާޅުވިނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުންވެސް ވަނީ ކޮވިޑްތެރެ ދޫކުރި އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާފައެވެ ކޮވިޑް ބަލިމަޑުގައި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 380 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މި ލޯނުތައް 2000 ހަށްވުރެ ގިނަ މީހުން ނަގާފައިވާކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ