އެ ގޮތުން އަވައްޓެރި ލަންކާގެ އެއިރުގެ ވަޒީރަކު އެމަނިކުފާނު އަރިހުގައި ލަންކާއަށް ހެދުނު ގޯހުގެ ވާހަކަ ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭރު ލަންކާގެ މިނިސްޓަރެއް ވިދާޅުވި ހެދުނު އެންމެ ބޮޑު ގޯހަކީއޭރު ލަންކާގައި ފަށާފައި ހުރި އިންފްރާސްޓްރަކްޗާގެ މަސައްކަތް ހުއްޓާލުން ކަމަށް، މުޅި ރަށް ހުއްޓުމަކަށް އައޭ، ވަޒީފާތައް ގެއްލުނޭ، ވިޔަފާރިތައް ހުއްޓުނޭ،" ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ބޮޑުބޭބެ ކިޔާ ދަރިއަކާ ހަވާލާދީ ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ބޯޑަރު ބަންދުކޮށް، ފަތުރުވެރިންނަށް ހުޅުވާނުލައި ދިގު ދެންމުން ވެސް އޭނާ ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއާ ހިލާފަށް ރާއްޖެ މިއަދާ ހަމައަށް އާދެވިފައި މިއޮތީ އޭރު ނެގުނު ޑިސިޝަންތަކެއްގެ ސަބަބުންނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ދުވަސްވަރު ސީޝެލްސްގެ ރައީސް ފޯނުން ވާހަކަ ދައްކަވައި، ރާއްޖެއިން ކޮވިޑް މެނޭޖްކުރިގޮތް އޮޅުން ފިލުއްވި ކަަމަށެވެ. އަދި ކޮވިޑަށްފަހު ސީޝެލްސްގެ ރައީސާ ބައްދަލުވުމުން، އެގައުމުން ކޮވިޑް މެނޭޖް ކުރުމުގައި ބަލަމުންއައީ ރާއްޖެއިން އަމަލު ކުރި ގޮތް ކަމަށް ސީޝެލްސްގެ ރައީސް ވިދާޅުވި ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ. " ސީޝެލްސްއިން ބަލަމުން ގެންދިޔައީ ރާއްޖެއިން ކަން ކުރާ ގޮތަށް، ބުނީ، ރާއްޖެ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި އެގޮތަކަށޭ ތިމަންނަމެން ކަން ކުރަމުން ދިޔައީ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ތިމަންނަމެންނަށް ފެނުނީމައޭ،" ރައީސް ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް ކަންކުރުމުގައި ހިޔާލުތަފާތުވުންތައް ހުރިނަމަވެސް އެ ހުރިހާ ހިޔާލަކާއި މަޝްވަރާއެއް އެއް ކުރީމާ ކުރިއަށް އަޅަން ޖެހޭ ޖެހޭ ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާ ކަމަށެވެ.
ފ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ ގިނަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރައްވަމުން ގެންދަވައެވެ. މިދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ.







