ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި މިދިޔަ އަހަރު ރާއްޖެ 3 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އާންމުކޮށްފައިވާ ސީޕީއައި ނުވަތަ ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ މިންގަނޑުގައި ރާއްޖެ އޮތީ 38 ޕޮއިންޓާ އެކު 96 ވަނައިގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓުގެ ވެއްޓުމެކެވެ. ކުރީ އަހަރު ރާއްޖެ އޮތީ 39 ޕޮއިންޓުގަ އެވެ.
އެކަމާ ގުޅިގެގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ނަތީޖާއިން ހާމަވަނީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މާ ބޮޑު ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިވާ ނުވާ ކަން ކަމަށާއި، މި ނަތީޖާއާ އެކު ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެ ބައި ގައުމުގެ ތެރޭގައި ކަމަށެވެ.







