ޗައިނާގެ ސަރުކާރުގެ 1,000 ސްކޮލަޝިޕް ރާޢްޖޭގެ ސިވިލްސާވިސްގައި މަސައްކަތްކުރާ މުވައަޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ބެއިޖިންގައި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މި ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް ވިދާޅުވީ, އަހަރަކު 200 ސްކޮލަޝިޕް ދޭން ނިންމަވާފައިވާ ކަމަށެވެ. އެ ހުރިހާ ސްކޮލަޝިޕްތައް ހާއްސަކުރީ ސިވިލް ސާވިސް މުވައްޒަފުންނަށެވެ.
ޗައިނާގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒަށް ބައެއް ކަންބޮޑުވުންތައް ހިއްސާކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް ދިވެއްސާއި އިސްލާމް ކިޔަވައި ނުދޭތީ, ދިވެހި ސަރުކާރުގެ ސްކޮލަޝިޕްތަކަށް ޝަރުތު ހަމަނުވާ މައްސަަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ, ރާއްޖެ އިން ބޭރުގައި ތިބޭ ދިވެހިންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮގްރާމެއް ދިވެހި ސަރުކާރުން ފައްޓާފައިވާ ކަމަށާއި އޭގެ ސަބަބުން އެފަދަ މައްސަލަތައް ހައްލު ވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު މިދިޔަ ހޯމަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުފުޅު ނިންމަވައިލައްވާނީ މިރެއެވެ. ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު 20 އެމްއޯއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.







