މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.
މީގެ އިތުރުން އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައެވެ. އެހެން ނަމަވެސް ހަތަރު ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.
ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްގި ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފައެވެ.







