މާލެ: 31°C

ޗުއްޓީއަށް ރަށުން ބޭރަށް ދާއިރު މިކަންކަމަށް ސަމާލުވާން ފުލުހުން އެދޭ!

December 22, 2022
2 ފަހަރު ބަލާފައި
ޗުއްޓީއަށް ރަށުން ބޭރަށް ދާއިރު މިކަންކަމަށް ސަމާލުވާން ފުލުހުން އެދޭ!
ޗުއްޓީއަށް ރަށުން ބޭރަށް ދާއިރު މިކަންކަމަށް ސަމާލުވާން ފުލުހުން އެދޭ!
ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ކިޔެވުން ނިމި މި ފެށޭ ޗުއްޓީއަށް ތަންތަނަށް ދާއިރު ގެދޮރާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ ކަންތައްތަކެއް ކުރަން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ. ސްކޫލް ޗުއްޓީގައި ގިނަ ބަޔަކު ރަށުން ބޭރަށް ދާއިރު ގެދޮރާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރަން ދިން ގިނަ އިރުޝާދު ތަކަކާ އެކު ފުލުހުންގެ ވެބްސައިޓްގައި ޖެހި ލިއުމެއްގައި އެންމެ ފުރަތަމަ ނަސޭހަތަކަށް އޮތީ ގެދޮރާއި ވެހިކަލްތައް ރަނގަޅަށް ތަޅުލަން ދިން ނަސޭހަތެކެވެ. ގޭގެ ދޮރުތަޅުލެވުނުކަން ޔަގީންކުރުމާއި ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތަކާއި ބެލްކަނި ދޮރުތައް ވެސް ތަޅުލުމަށާއި، ގޭގައި ގިނަ އަދަދެއްގެ ފާއިސާ ނުބެހުއްޓުމަށާއި، އަގު ބޮޑެތި މުދާ ، ތަޅުލެވޭ ތަނެއްގައި ބެހެއްޓުމަށް ވެސް އެ ލިއުމުގައި އިލްތިމާސްކޮށްފައި ވެ އެވެ. ގޭ ދޮރުމަތީ އޮންނަ ފައިފުއްސެއް ނުވަތަ ބޫޓެއްގެ ތެރެއަށް ލާފައި ތަޅުދަނޑި ބޭއްވުމަކީ ބައެއް ފަހަރަށް މީހުން ކުރާ ކަމަކަށް ވާތީ އެގޮތަށް ކަންތައް ނުކުރަން ވެސް ފުލުހުންގެ ލިއުމުގައި އިލްތިމާސްކޮށްފައި ވެ އެވެ.  ޒިންމާދާރު ކޮންމެވެސް މީހަކާ ގެދޮރު ބެލުމަށް ހަވާލުކުރުމަކީ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ. ގޭގައި މީހުން ނޫޅޭ ދުވަސްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގުމަށް މަގުފަހި ވެދާނެ ސަބަބުތައް ނައްތައިލަން ވެސް ފުލުހުންގެ ލިއުމުގައި އިރުޝާދު ދިނެވެ. "...ޗުއްޓީއަށް ފުރަންދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުުގެ ފިޔަވަޅުއަޅާށެވެ. ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށްލާށެވެ. ނުވަތަ ގޭސްފުޅި ރެގިއުލޭޓަރ ނައްޓައިލާށެވެ. ގޭތެރޭގެ ކަރަންޓުގެ ހާލަތު  ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖައްސާށެވެ. ބޭނުންނުކުރާ ހުރިހާ ތަނެއް ކަރަންޓު ސްވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ،" ފުލުހުންގެ ލިއުމުގައި ބުންޏެވެ. ސަމާލުކަން ދޭންވީ އަނެއް ކަމަކީ އެ ލިއުމުގައި ބުނި ގޮތުގައި މީހުން ދުއްވާ ސައިކަލްތައް ރައްކާތެރި ތަންތަނުގައި ރައްކާތެރިކަމާ އެކު ބެހެއްޓުމެވެ. ފުލުހުންގެ އިރުޝާދަކީ މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރުމެވެ. ހުންގާނު ލޮކްކޮށް އަދި ޝަޓަރު ވެސް ލޮކްކުރުމަށާއި ތަޅުދަނޑި ޖަހާފައި ނުބެހެއްޓުމަކީ ވެސް ފުލުހުންގެ އިލްތިމާސެކެވެ.  ސައިކަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ