ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ ލީ ޗިއާންގއަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން ”ވަން ޗައިނާ“ ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ ”ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް“ އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަންވެސް ހާމަކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ. މިއަދާ ހަމައަށްވެސް މި ދެ ޤައުމުގެ ގުޅުން ދަނީ އިތުރަށް ބަދަހިވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ މި މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓްގައިވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ.







