މާލެ: 31°C

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި
September 5, 2024
2 ފަހަރު ބަލާފައި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި
ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އައިޝަތު ރިޒްނާ އިސްތިއުފާ ދެއްވައިފިއެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޒްނާ ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޙުސައިން ރިޟާ އާދަމް އަށް ސިޓީއެއް ފޮނުވާފައެވެ. ފޮނުއްވި ސިޓީގައި ރިޒްނާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގިނަ ގޮންޖެހުންތަކާއި ކުރިމަތިވީ ނަމަވެސ،ް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު އަދާކޮށްފައިވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މަތިކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. ރިޒްނާ ވިދާޅުވީ، އެހެން ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ތަންޒީމްކުރެވިފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނާއެކު މަސައްކަތް ކުރެވޭނެ އެއްވެސް މާހައުލެއް ނެތް ކަމަށެވެ. ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އީޖާބީ ތަސައްވުރެއް ހާމަކުރައްވާފައިނުވާކަމާއ،ި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއް ވެސް މިހާތަނަށް ލިބިފައިނުވާކަމަށް ސިޓީގައި ރިޒްނާ ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަވަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމަވާފައި ނުވާ ކަމަށް ވެސް ރިޒްނާ ވިދާޅުވިއެވެ. މީގެ އޮތުރުން ސިޓީގައި ރިޒްނާ ވިދާޅުވީ، ކަންއެހެން އޮތުމުން، އެކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާ އެއް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެގޮތުން އެ ސަބަބުތަކާހެދި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ ކަމަށް ރިޒްނާ ވިދާޅުވިއެވެ. ރިޒްނާ ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ. ރިޒްނާ އަކީ، މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ