މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް 13 އަށް އިންޒާރު ދިނުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެެއްގެ ގޮތުގައި ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. މެންބަރު ޝިޔާމް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިޔައި ޗެނަލް 13 އިން ދެއްކި ލަވަތަކުގެ އަޑާއި މަންޒަރު ވަކި ގޮތެއް އަންގަންދެން ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކޮމް އިން އެ ޗެނަލަށް އަންގާފައި ވަނިކޮށެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީ އިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ކަމަށެވެ." ސަމާސާ އަދަބަކީ ހިޔާލުފާޅުކުރުމުގެ އެންމެ އަސާސީ އެއް އުސްލޫބު" މައްސަލަ ހުސަހަޅުއްވަމުން ޝިޔާމް ވިދާޅުވިއެވެ.
ބްރޯޑްކޮމް އިން ޗެނަލް 13 އަށް އެޅި ފިޔަވަޅަކީ ސަރުކާރުން ޕްރެޝާކޮށްގެން އެޅި ފިޔަވަަޅެއް ކަމަށް ވެސް ޝިހާމް ތުހުމަތުކުރެއްވި އެވެ. އެއީ ގާނޫނުއަސާސީއާއި، އަސާސީ ޙައްގުތަކާއި، ޑިމޮކްރެޓިކް އަގުކުރުންތަކާއި، ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލުތައްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ މިންގަނޑުތަކާއި ހިލާފަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.







