ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތައް ކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް އެބޭފުޅުންގެ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާ ވެސް ބުނެފި އެވެ.
ޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންދާ ބައެއް ބޭފުޅުން ކެމްޕޭން ފަށާފައި ވަނިކޮށް، މިއަދު އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ބޭނުންވާ ހަރަދު ކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް ބޭނުންކުރަންވާނީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓް ކަމަށެވެ.
[embed]https://twitter.com/IsmailHabeeb/status/1677600510554300418[/embed]އެ އެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ކެންޑިޑޭޓެއްގެ އަމިއްލަ ނަމުގައި ހުޅުވާ އެކައުންޓަކަށް ވާން ޖެހެއެވެ.
އިންތިހާބުގެ ތެރެއިން ލިބޭ އަދި އިންތިހާބާ ގުޅުންހުރި ފައިސާގެ އެހީވެސް ޖަމާވާނީ އެ ކެންޑިޑޭޓަކު އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އެކައުންޓަށް ކަމުގައިވެސް ހަބީބު ވިދާޅުވިއެެވެ. ހަބީބް ވިދާޅުވީ ރާއްޖޭގެ ބޭންކްތަކާ ވާހަކަ ދައްކައިގެން ކެންޑިޑޭޓުންނަށް އެކައުންޓް ހުޅުވުމުގެ އިންތިޒާމު ފަސޭހަކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "އީސީ އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ އެކީގައިވެސް މަޝްވަރާ ކުރައްވާފައި. އަދި ބޭންކްތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައި،" ހަބީބް ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.







