މާލެ: 31°C

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތޮއްޑޫގައި ހަދާ ކިއޮސް ތަކުން ދަނޑުވެރިންނަށް ބޮޑުފައިދާއެއް ލިބޭނެ: ކަރަމް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތޮއްޑޫގައި ހަދާ ކިއޮސް ތަކުން ދަނޑުވެރިންނަށް ބޮޑުފައިދާއެއް ލިބޭނެ: ކަރަމް
August 19, 2024
2 ފަހަރު ބަލާފައި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތޮއްޑޫގައި ހަދާ ކިއޮސް ތަކުން ދަނޑުވެރިންނަށް ބޮޑުފައިދާއެއް ލިބޭނެ: ކަރަމް
ތޮއްޑޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ފަރާތްތަކަށް މާކެޓް ހޯދައި ދިނުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އެ ރަށުގައި ހަދާފައިވާ ކިއޮސް ތަކުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށްބޮޑެތި ފައިދާ ލިބިގެންދާނެ ކަމަށް ތޮއްޑޫ ކައުންސިލްގެ ރައީސް ކަރަމް ބުނެފިއެވެ. އެރަށުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ގާއިމްކުރާ ކިއޮސް ތަކާ ގުޅޭގޮތުން މިނިވަން އަށް މައުލޫމާތު ހިއްސާކުރަމުން ކަރަމް ބުނުއްވީ އެރަށަކީ އެއްމެ ގިނަ ބާވަތްތަކުގެ ދަނޑުވެރިކަން ކުރާ ރަށަށް ވެފައި ދަނޑުވެރިން ހައްދާ ތަކެތި މާކެޓް ކުރެވޭނެ ނުވަތަ ޑިސްޕްލޭ ކުރެވޭނެ ގޮތެއް ހަމަޖެހިގެންދިއުމަކީ އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ބޮޑު ލުޔަކަށް ވެގެންދާނެކަމަށެވެ. "މިރަށަކީ މިހާރު ގެސްޓް ހައުސް އެއްމެ ގިނަ އެއް ރަށް، އެކަމަކު މިރަށުގެ ދަނޑުވެރިން އެ ހައްދާ ތަކެތި ގެންސްޓް ހައުސްތަކުން ބޭނުންވާ ވަގުތު ހޯދަން އުނދަގޫވޭ އެތަކެތި ކަނޑައިފަ ވިއްކަން ހުންނަ ތަނެއް ނުހުންނާތީ" ކަރަމް ބުނުއްވިއެވެ. "ރަށަށް ޒިޔާރަތްކުރާ ގެސްޓުންނަށްވެސް އެ ތަކެތި ގަނެވޭނެ ގޮތް ނޯންނާތީ، އެތަކެތި ބޭނުންވުމުން މިޖެހެނީ ދަނޑުގަ މަސައްކަތްކުރާ ބޭރު މީހާ ހޯދައިގެން އޭނަ އަތުން ހޯދަން" ކަރަމް ބުނުއްވިއެވެ. ކައިރި ރިސޯޓް ތަކާއި އެ ނޫންވެސް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން އެތަކެތި ހޯދަން ކުރިން ދިމާވަމުންއައި ދަތިތައް ދެން އެފަރާތްތަކަށް ކުރިމަތި ނުވާނެ ކަމަށާއި، ކިއޮކްސް ތަކުން ހުރިހާ ފަރާތްތަކަށް ބޭނުންވާ ބާވަތެއް ހޯދާލެވޭނެ ކަމަށެވެ. "ބިޒްނަސް ކޯޕަރޭޝަނުން އެތަންތަން ކުއްޔަށް ދޫކުރުމަށް އިޢުލާނުކުރުމުން މިރަށުގެ ވަރަށް ގިނަ ފަރާތްތަކުން އެބައުޅޭ އެތަންތަން ހޯދަން، އޭގެންވެސް އެބައިނގޭ އެތަންތަނުން ފައިދާވާނެކަން" ކަރަމް ބުނުއްވިއެވެ. ކިއޮކްސް ތައް ފަރުމާ ކޮށްފައިވަނީ ދަނޑުވެރިކަމުގެ ސާމާނު ޑިސްޕްލޭކޮށް ތާޒާ ކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭވޭނޭހެން ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ. އަދި ކިއޮސް ތައް ކުއްޔަށް ދިނުމަށް ކޮށްފައިވާ އިއުލާނުގައިވާގޮތުން އެތަންތަނަކީ ވަރަށް ރަނގަޅަށް ބެލެހެެއްޓި ރަނގަޅު މޮނިޓަރިން ނިޒާމެއްގެ ދަށުން ހިންގަމުން އަންނާނެ ތަންތަނެވެ. އެހެންކަމުން ދަނޑުވެރިކަމުގައި ޙަރަކާތްތެރިވާ ކުދި ވިޔާފާރިތަކުން ކިއޮކްސް ތަކުގެ ބޭނުން ހިފަން ފެށުމުން އެފަރާތްތަކުގެ ވިޔާފާރިއަށް ކުރިއެރުން ލިބިގެންދާނެއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިހާރުވަނީ އެ ކިއޮސް ތައް ކުއްޔަށް ނަންގަވަން ބޭނުންވާ ދަނޑުވެރިންނަށް އެފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ކިއޮސް ނަންގަވަން ބޭނުންވާ ފަރާތްތަކުން https://forms.office.com/r/nycRvHGVsV ލިންކް އިން އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ