މާލެ: 31°C
ބަޖެޓުގައި ހިމަނާފައި ނެތަސް، ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ބަޖެޓުގައި ހިމަނާފައި ނެތަސް، ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

February 6, 2024
4 ފަހަރު ބަލާފައި
ބަޖެޓުގައި ހިމަނާފައި ނެތަސް، ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް
ރިޔާސީ ވައުދުފުޅެއް ކަމަށްވާ ތ. ގުރައިދޫ އެއާޕޯޓު މަޝްރޫއު މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ގުރައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރަށް ލަފާކޮށް، އެމްޑީޕީގެ ސަރުކާރުން މަޖިލިހަށް ބަޖެޓު ފޮނުވިއިރު، އިންތިގާލީ މަރުހަލާގައި ބަޖެޓު ފާސްކުރުމާ ދޭތެރޭ ލިބުނީ ކުޑަ ވަގުތުކޮޅެއް ކަމަށާއި މި ސަރުކާރުގެ މަޝްރޫއުތައް ބަޖެޓުގައި ވީ ވަރަކުން ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރުގެ މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެއް މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމި އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއެވެ. ރައީސް ވިދާޅުވީ އެކަމުން ވެސް އެނގިގެން ދިޔައީ ރައްޔިތުންނަށް ކަމެއް ވާން ބޭނުން ނުވާ ކަމަށާއި ނަމަވެސް އެހެން ގޮތްތައް ހޯދައިގެން އަދި ބަޖެޓުން އުނިކުރިޔަސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެވޭނެ ކަން އެ މަޝްރޫއުން ވެސް ފެނިގެންދިޔަ ކަމަށެވެ. "އަޅުގަނޑުމެންނަށް ގާނޫނީ އިމުގެ ތެރެއިން ކަންކުރެވޭނެ ގޮތް ހޯދޭނެ. ހޯދާނަން. އަޅުގަނޑު ވައުދުވީ ގޮތަށް، ބަޖެޓުން އެބޭފުޅުން ޖާގަ ދީފައި ނެތް ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ މިއަހަރު މަސައްކަތް ފަށާނަން. ތިބޭފުޅުންނަށް އެންމެ މުހިއްމު އަޅުގަނޑު ގާތުގައި ދެންނެވި ކަމަކީ އެއީ. އެކަން ކުރާނެ ކަމަށް އަޅުގަނޑު ދެންނެވި. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދު މި ވަގުތު އޮތީ ކުރިން ނުވެއްޓޭ ފަދަ އަނދަވަޅަކަށް ވައްޓާލާފައި ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، މާލީ ހާލަތު ތަން ދޭ ވަރަކުން ދެން ކުރަން ހުރި ކަންކަން ރަށު ކައުންސިލް މެދުވެރިކޮށް ތަރުތީބު ކޮށްލާނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތް ރަށް ކަމަށްވާ ގުރައިދޫ އަކީ އިންތިހާބުގައި އެކަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބުން ރަށެވެ. އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު ލިބުނުއިރު، އަނެއް ފޮށިން ވަނީ  72.4 ޕަސެންޓު ލިބިވަޑައިގެންފައެވެ. ތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު މި އަތޮޅުގެ އިތުރު އަށް ރަށަކަށް ވަޑައިގަންނަވާނެއެވެ. ރައީސް ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ